އަންނަ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު، ފުށިދިއްގަރުފަޅު ހިއްކަން ގެންނާނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތައް ކަމަށާއި އެ މަޝްރޫއު ކުރިއަށްގެންދާނީ ދައުލަތުން ބޮޑު ހަރަދެއް ކުރަން ނުޖެހޭ ފޯމިއުލާއެއް ބޭނުންކޮށްގެން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޓީވީ މޯލްޑިވްސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ މަސް ތެރޭގައި ފުށި ދިއްގަރު މަޝްރޫއުގެ މަސައްކަތްތަށް ފައްޓަވާނެ ކަމަށެވެ.
"ނޮވެމްބަރު މަސްތެރޭގައި އަޅުގަނޑުމެންގެ ޓާގެޓަކީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތުގެ އެންމެ ފުރަތަމަ މަސައްކަތް ފަށައިގަތުން. މާނަ އަކީ އެތަން ހިއްކާނެ ބަޔަކު ހޯދުމާއި، އީއައިއޭ އާއި މިހެންގޮސް މި ހުރިހާ މަސައްކަތްތައް ފަށައިގަނެ މި ދެންނެވި 30 ދުވަސް ތެރޭގައި އެތަން ހިއްކަން ފެށުން" އެ މަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި އެ މަޝްރޫއު ކުރިއަށްގެންދާނީ ދައުލަތަށް މާބޮޑު ހޭދައެއް ކުރަން ނުޖެހޭ ފޯމިއުލާއަކުންނެވެ.
"އިގުތިސާދު އޮތް ހާލަތު އިނގޭ، ދައުލަތުން މާބޮޑު އެއްޗެއް ފުރަތަމަ ކުރަން ނުޖެހޭ އަދި ފަހުންވެސް ކުރަން ނުޖެހޭ ފޯމިއުލާއެއްގައި އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މުއިއްޒުގެ އެދިވަޑައިގަތުމުން އެފަޅު ހިއްކަން 400 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ.
މުއިއްޒު ވިދާޅުވީ އެންމެ ލަސްވެގެންވެސް 10 ވަރަކަށް މަސްތެރޭގައި ފުށިދިއްގަރު ފަޅު ހިއްކައި ނިންމާލެވޭނެ ކަމަށެވެ. އަދި އެއްފަހު އެތަނުގެ ވަށައިގެން ބޮޑު ހިލަ ޖަހައި އެތަނަށް ބޭނުންވާ އިންވެސްޓްމަންޓްތައް ގެންނާނެ ކަމަށް ވިދާޅުވި އެވެ.
މުއިއްޒުގެ ރިޔާސީ ވައުދުފުޅަކީ މާލެ ސަރަހައްދު ކައިރީގައި އޮތް، އަދި މި ސަރުކާރުން ވެސް ހިއްކަން ފަށާފައިވާ ގިރާވަރުފަޅާއި ގުޅީފަޅުގެ އިތުރަށް، މާލެ އަތޮޅުގެ ދެކުނުގައިވާ ފުށިދިއްގަރު ފަޅު ހިއްކައިގެން 65،000 ގޯތި ދޫކުރުމެވެ. އަދި ފުށިދިއްގަރު ފަޅުން 11،970 ގޯއްޗާއި، ތިން ކޮޓަރި އަދި ހަތަރު ކޮޓަރި އެޕާޓްމަންޓްތަކުގެ 26،500 ހައުސިން ޔުނިޓް އެޅުމަށް މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ.













