ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ މަގުމަތިން ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އަމިއްލަ ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓު ހަރަކާތަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއިން މިއަދު ގެނެސްދިން 'ދިވެހީންގެ ރާއްޖެ' ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ، އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތައް ކުރާނީ މަޝްވަރާގެ ރިވެތި އުސޫލުން ކަމަށެވެ. އަދި އެކަމަށް މާ ގިނަ ދުވަސްތަކެއް ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީވެސް ބޮޑަށް އިންޑިއާއާ ގާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން، މަގުމަތިން ހާސިލްކުރެވޭނެ ކަމެއް ނޫން މިއީކީއެއް" މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރައްޔިތުން ބޭނުންވާކަން މި އަހަރުގެ ރިޔާސީ އިންތިހާބުން ދައްކައިދީފި ކަމަށް މީގެ ކުރިން ވިދާޅުވި ވާހަކަ އެމަނިކުފާނު މިއަދު ވެސް ތަކުރާރުކުރެއްްވި އެވެ. އިންތިގާލީ މަރުހަލާގައިވެސް އިންޑިއާ ސަފީރަށް ބައްދަލުކޮށް އެ ވާހަތައް ދެކެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ކަށަވަރުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ފާއިތުވި ދުވަސްތަކުގައި ކުރެއްވި މަސައްކަތްޕުން އެކަން ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ވެސް މުއިއްޒު މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން އެހެން ހުރިހާ ގައުމަކުން ވެސް ބޭނުންވާނީ ރާއްޖެ އަކީ ޑިމޮކްރަސީ އަށް ލޯބިކުރާ، ސުލްހަ އަށް ލޯބިކުރާ، ތަރައްގީއަށް ލޯބިކުރާ، ތަރައްގީވަމުން އަންނަ އަދި ތަރައްގީ ހާސިލްކުރާ ގައުމަކަށް ވާން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އިންޑިއާ އައުޓު ހަރަކާތަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ފަށްޓަވާ ލީޑުކުރެއްވި ހަރަކާތެކެވެ. އެގޮތުން ސިލްސިލާ މުޒާހަރާތަކާއި ސޯޝަލް މީޑިއާ ކެމްޕޭނުތައްވެސް އިދިކޮޅުގައި އޮތް ދުވަސްވަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ އެވެ.
އެ ހަރަކާތްތަކުގައި މުއިއްޒު މަދުން ނަމަވެސް ބައިވެރިވެވަޑައިގަތެވެ. ނަމަވެސް އެ ހަރަކާތަށް މުއިއްޒުގެ ފުރިހަމަ ތާއީދު ނެތްކަމުގެ ވާހަތަކެއް ކުރިންވެސް ފެންމަތިވި އެވެ. އަދި، މާލޭ ބަންދަށް ބަދަލުކޮށްފައިވާ ޔާމީނާއި ދެމެދު މިހާރުވެސް ހިޔާލުތަފާތުވުންތަކެއް ހުރިކަމަށް ދަނީ އަޑުފެތުރެމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެއްބަސްވުންތަކުގެ ތަފުސީލަކީ އެންމެ އިސްކަމެއް ދީގެން ހާމަކުރާނެ މައުލޫމާތުތައް ކަމުގައި ޑރ. މުއިއްޒުގެ ކެމްޕޭނުން ދިޔައީ ބުނަމުންނެވެ.
ނަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށްފަހު އިންތިގާލީ މަސައްކަތައް މަހެއް ވެފައިވީ ނަމަވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި ރާއްޖޭގައި ބަހައްޓާފައިވާ ރާޑަރުތައް ކޮންޓްރޯލްކުރާ ފަރާތްތަކުގެ މައުލޫމާތު، ސަރުކާރުގެ އިދާރާތަކުން އިންތިގާލީ ކޮމިޓީތަކަށް ދީފައި ނުވާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ މިދިޔަ ހަފުތާ ވިދާޅުވެފަ އެވެ.
އިންތިހާބަށްފަހު ބައިނަލްއަގުވާމީ މީީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި މުއިއްޒު ވަނީ އިންޑިއާއާއެކު ގުޅުން ބާއްވާނެ ކަމަށާއި، ޗައިނާ އަދި އިންޑިއާގެ 'ކޯޅުމުގެ' ތެރޭގައި ރާއްޖެ ތާށިވުމުގެ ފުރުސަތު ނުދީ ގެންގުޅުއްވާނީ ހަމަހަމަ ސިޔާސަތުތަކެއް ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އަވައްޓެރި އިންޑިއާއާ އޮތް ގުޅުން ވަރަށް ބޮޑު ހީނަރުވެގެން ދިޔަ އެވެ. އެ ވެރިކަމުގައި ގާތް ގުޅުމެއް ބޭއްވީ، އިންޑިއާއާ ވާދަވެރި ޗައިނާއާ އެވެ. އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް ހިންގީ ޗައިނާގެ މާލީ އެހީއާއި ލޯނު މެދުވެރިކޮށެވެ.












