ބައެއް މިނިސްޓްރީތަކަކަށް މެންޑޭޓް އިތުރުކޮށް، އަދި ބައެއް މިނިސްޓްރީތަކުގެ މެންޑޭޓް ކުޑަކުރަން ނިންމަވާފައިވާ ކަމަށާއި އޭގެ ބޭނުމަކީ ނަތީޖާ ނެރުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައިި މިއަދު ޕީއެސްއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ މިހާރު މިނިސްޓްރީތައް އެކުލަވާލާފައިވާ ގޮތުން އެއް މިނިސްޓްރީއެއްގެ ތެރޭގައި މާގިނަ މެންޑޭޓުތަކެއް އެބަހުރި ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެއް މިނިސްޓްރީއެއްގެ ތެރޭގައި މެންޑޭޓުތައް ގިނަވެގެން މަސައްކަތް ނުކުރެވޭ ހާލަތަކަށް ދިއުމަށް ބޭނުންވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިނިސްޓްރީތައް އެކުލަވާލައްވާނީ އެފިޝިއެންޓް މަސައްކަތްތަކެއް ކުރެވޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
އެއް މިނިސްޓްރީއަކަށް މާގިނަ މެންޑޭޓުތައް ލުމުގެ ސަބަބުން ނަތީޖާ ނެރުމަށް ދަތިވާކަން ފާހަގަކުރައްވާ މުއިއްޒު މިސާލެއްގެ ގޮތުގައި ނެންގެވީ ޕްލޭނިން މިނިސްޓްރީ އެވެ.
"އަމީނީ މަގާއި ބަރިޖަށް ބެލުމުން ވެސް ޕްލޭނިން މިނިސްޓްރީގެ މަސައްކަތް ދަށްކަން އެނގޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމެއްގައި ނަތީޖާ ނެރެދިނުމަށް ހާއްސަ އިސްކަމެއް ދެއްވާނެ އެވެ.
އާ ސަރުކާރުގައި ގިނަ މިނިސްޓްރީތައް ތިބި ނަމަވެސް އިންތިހާބީ ރައީސް ދެއްވި ޔަމީންކަމަކީ ސިޔާސީ މުވައްޒަފުންނާއި ހިންގުމުގެ ހަރަދު ބޮޑުތަނުން އިތުރުވެގެން ނުދާނެ ކަމުގެ ޔަގީންކަމެވެ.
"އަޅުގަނޑު ދޭ ޔަގީންކަމަކީ މިނިސްޓްރީތައް ގިނަވިޔަސް ސިޔާސީ މަގާމުތައް މިދިޔަ ދެ ސަރުކާރަށް ވުރެ ގިނައެއް ނުވާނެ. މިހާރު ވެސް އިއުލާންކޮށްފައި އޮންނާނެ 700 އަށް ވުރެ ގިނައެއް ނުވާނެ މަގާމުތައް،" މުއިއްޒު ވިދާޅުވި އެވެ.
ގިނަ މިނިސްޓްރީތައް އެކުލަވާލި ނަމަވެސް, ސަރުކާރުގެ މިނިސްޓްރީތައް ހިންގަން އަމިއްލަ މީހުންގެ އިމާރާތްތަކުން އޮފީސްތައް ކުއްޔަށް ނުނަންގަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިހާރު ތިބި މިނިސްޓްރީތަކުގެ އިތުރަށް އާ ސަރުކާރުގައި ކައުންސިލް މިނިސްޓްރީ ހިމެނޭއިރު, ކުރިން ފިޝަރީސް މިނިސްޓްރީގެ ތެރޭގައި އިން އެގްރިކަލްޗާ މިނިސްޓްރީ ވަކިކޮށް, ސްޕޯޓްސް އާއި ޔޫތު މިނިސްޓްރީ ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގައި ހަދާނެ އެވެ. އަދި ހައުސިން މިނިސްޓްރީ ވަކިކޮށް, އެ މިނިސްޓްރީގެ ތެރޭގައި އިން ޕްލޭނިން ބައި, އެންވާރަމަންޓް މިނިސްޓްރީއަށް ލުން ވެސް ހިމެނެ އެވެ.














