އަންނަ ހަފުތާގައި ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ބޭފުޅުން ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވާ ލިސްޓުގެ 95 ޕަސެންޓަކީ އެ މަނިކުފާނުގެ ކެބިނެޓުގައި ތިއްބަވާނެ ބޭފުޅުން ކަމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގަ އެވެ.
"ނުކުމުގެން އުޅޭ ލިސްޓުތަކުގެ 90 ޕަސެންޓް ރަނގަޅު. 95 ޕަސެންޓް ރަނގަޅޭ ވެސް ބުނެވިދާނެ ގިނަ ތަންތަނުގައި. ބައެއް ކުދި ކުދި ބަދަލު އެބަހުރި،" އެމަނިކުފާނު ވިދާޅުވި އެވެ.
މީޑިއާތަކުގައި ދައުރުވާ އެ ލިސްޓުގައި ހިމެނިފައިވަނީ މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ބައެއް ސީނިއާ ބޭފުޅުންނާއި، ސިޔާސީ ގޮތުން މާބޮޑަށް ފާހަގަނުކުރެއްވޭ ބައެއް ބޭފުޅުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ:

- ޑިފެންސް މިނިސްޓަރުކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ގައްސާން މައުމޫން
- އިކޮނޮމިކް މިނިސްޓަރުކަން ދެއްވަނީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވި، މާވަށު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ސައީދަށް
- ފިޝަރީޒް މިނިސްޓަރުކަން ދެއްވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް
- ފޮރިން މިނިސްޓްރީ އަށް އައްޔަންކުރައްވަނީ މޫސާ ޒަމީރު
- ޓޫރިޒަމް މިނިސްޓަރުކަން ދެއްވަނީ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ދަރިފުޅު އިބްރާހީމް ފައިސަލް އަށް
- ޓްރާންސްޕޯޓް މިނިސްޓަރަކަށް ލައްވަނީ މުއިއްޒުގެ ކެމްޕެއިން މެނޭޖަރު އަދި އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޕައިލޮޓް، ކެޕްޓަން މުހައްމަދު އަމީން
- އަލަށް އުފައްދާ ކައުންސިލް މިނިސްޓްރީ އަށް އައްޔަންކުރައްވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
- ހޯމް މިނިސްޓަރަކަށް އައްޔަންކުރައްވަނީ އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން
- އެޓާނީ ޖެނެރަލްގެ މަގާމަށް ވަޑައިގަންނަވަނީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
- ހައުސިންގެ މަސައްކަތަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވައި އެ މިނިސްޓްރީގެ އިސްވެރިޔަކަށް ލައްވަނީ ޑރ. އަބްދުﷲ މުއްތަލިބް
- އާ ސަރުކާރުގެ ޕްލޭނިން އާއި އެންވާރަމަންޓް މިނިސްޓަރުކަން ދެއްވަނީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި އެންވާރަމަންޓް މިނިސްޓަރުކަން ކުރެއްވި ތޯރިގް އިބްރާހިމް (ތޯބެ) އަށް
- ފިނޭންސް މިނިސްޓަރަކަށް މުއިއްޒު އައްޔަންކުރައްވަނީ މި ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޗީފް ފައިނޭންޝިއަލް އޮފިސަރުގެ މަގާމު ފުރުއްވަމުން އަންނަ ޑރ. މުހައްމަދު ޝަފީގަށް
- އިސްލާމިކް މިނިސްޓަރުކަން ދެއްވަން ނިންމަވާފައިވަނީ ޕީޕީއެމް ކުރީ ވެރިކަމުގައި އެ މަގާމާއި އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރުކަން ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް
- އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަންކުރައްވަނީ ޕީޕީއެމްގެ ކުރީ ވެރިކަމުގައި އެޑިއުކޭޝަނުގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ޑރ. އިސްމާއީލް ޝަފީއު
- ހެލްތު މިނިސްޓްރީ އަށް އައްޔަންކުރައްވަނީ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް
- ޖެންޑާ މިނިސްޓަރުކަން ދެއްވަނީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީ ހިންގެވި ޑރ. އާއިޝަތު ޝިހާމް އަށް
- އަލަށް އުފައްދާ ޔޫތު މިނިސްޓްރީ އަށް އައްޔަންކުރައްވަނީ މަޝްހޫރު ނޫސްވެރިޔާ އިބްރާހީމް ވަހީދު (އަސްވާޑް)
- ޔޫތުއާ ވަކިކޮށްފައިވާ ސްޕޯޓްސް މިނިސްޓްރީއަށް އައްޔަންކުރައްވަނީ ސްޕޯޓްސް ފިޒީޝަން އަބްދުﷲ ރާފިއު
- ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަން ކުރައްވަނީ ޑރ. މަރިޔަމް މާރިޔާ
- އަދި އެގްރިކަލްޗާ މިނިސްޓަރަކަށް އައްޔަން ކުރައްވަނީ ޑރ. އައިޝަތު ރަމީލާ
ޕީއެސްއެމްގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރުންނަށް އައްޔަންކުރާނީ، ސީދާ އެމަނިކުފާނަށް ކޮންޓްރޯލްކުރެވޭ އަދި އެ ދާއިރާތަކަށް ތައުލީމީ ގާބިލު ބޭފުޅުން ކަމަށެވެ.
"އަޅުގަނޑު އެކުލަވާލާ ޓީމު އެއީ ކެބިނެޓާއި ކުންފުނިތަކުގެ ވެރިން. އެއީ ސަރުކާރުގެ މަތީ ފަޑިއަކީ. އެ މަތީ ފަޑީގައި ތިބޭނީ އެއިން ކޮންމެ ބޭފުޅެއްގެ މައްޗަށް އަޅުގަނޑަށް ފަހުބަސް ބުނެވޭ ބޭފުޅުން. އަޅުގަނޑު ބަހެއް ބުނީމަ އެބޭފުޅަކު އެހެން މީހެއްގެ އެޕްރޫވަލް ހޯދަން ޖެހޭ މީހަކު އަޅުގަނޑު ނުލާނަން،" މުއިއްޒު ވިދާޅުވި އެވެ













