ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން ނަގައި, އެތަނުގައި ދަގަނޑު ޖަހައި ބަންދުކޮށްފި އެވެ.
ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާމުގެ ބިމުން މައްޗަށް ހުރި ބައި އެތަނުން ނަގައި, އެއްހަމަ ކުރެވޭނެހެން ދަގަނޑު ޖަހާ ބަންދުކޮށްފައި ވަނީ ވަަގުތީ ގޮތުންނެވެ. އެއީ އަންނަ ހުކުރު ދުވަހު އޮންނަ އިންތިހާބީ ރައީސްގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނާނީ މި މަހު 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.
އެ ރަސްމިއްޔާތުގެ ތައްޔާރީތަކަށް ޖުމްހޫރީ މައިދާން ބަންދުކޮށް, މި މަސް ފެށުނީއްސުރެ ދަނީ މަސައްކަތް ކުރަމުންނެވެ.
އިންތިހާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެކެވެ. އެ ރަސްމިއްޔާތުގެ ކަންކަން ކުރިއަށް ގެންދާނީ މަޖިލީހުގެ އިދާރާއިންނެވެ. އެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރުމަށް މަޖިލިސް އިދާރާއިން ވަނީ ސިފައިންގެ ގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާ ހަވާލުކޮށްފަ އެވެ.

ޖުމްލަ 22.9 މިލިއަން ރުފިޔާގެ އަގަކަށް މި ރަސްމިއްޔާތުގެ މަސައްކަތް ހަވާލުކޮށްފައިވާ ސިވެކުން، އެ ސަރަހައްދު ޒީނަތްތެރިކުރުމާއި، ރަސްމިއްޔާތުގެ ކުރިއަށް ގެންދިއުން އަދި ކޭޓަރިންގެ ކަންކަންވެސް ހަމަޖައްސާނެ އެވެ.














