އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ރާއްޖޭގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތު ކުރާ މުހައްމަދު އަމީންގެ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 27 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޏ. ފުވައްމުލަކު ކަރިއްޔާވިލާ އަމީންއަށް ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އެވެ.
އެ ދައުވާތައް ސާބިތުވެގެން 27 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިއިރު އެ މައްސަލާގައި އޭނާ ބަންދުގައި ހުންނަތާ ހަތަރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އެހެންވެގެން ހުކުމުން ދެން ތަންފީޒުކުރަން އޮންނާނީ 23 އަހަރެވެ.
މީގެ ކުރިން 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ވެސް އަމީންގެ މައްޗަށް ތުހުމަތު ކުރެވުނެވެ. އޭރު އޭނާ ރާއްޖޭން ބޭރުގައި ހުއްޓާ، އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެގެން ރާއްޖެ ގެނަ އެވެ. އެ ފަހަރު ބަންދުކުރުމަށް ފަހު، އަމީން ދޫކޮށްލީ 2012 ވަނަ އަހަރު އެވެ.
އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ނިރުބަވެރިންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.












