ހުޅުމާލޭގެ ކަންކަން ބަލަހައްޓާ އާބަންކޯ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ ތަހުގީގަކާ ގުޅިގެން އެ ކުންފުނިން ފަސް ކަމެއް ކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާތީ އެ ކުންފުނީގެ ގިނަ މަސައްކަތްތަކެއް ހުއްޓިފައިވާތީ އެކަމާ ގުޅޭގޮތުން ޕްރައިވަޓައިޒޭޝަން ބޯޑާއި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ލަފާ ހޯދަން ނިންމައިފި އެވެ.
އޮކްޓޯބަރު 31, ގައި އޭސީސީން ވަނީ ހުށަހަޅާފައިވާ މައްސަލައަކާ ވިދިގެން މަޑުޖައްސާލުމަށް އާބަންކޯއަށް އޭސީސީން އެންގި ކަންކަން;
- ބޭރުގެ ފަރާތްތަކަށް ހުޅުމާލެއިން ބިން ދިނުމާ ގުޅޭ ކަންކަން.
- އީއޯއައި ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންކަން.
- ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމާއި ބިން ވިއްކުމާ ގުޅޭ މުއާމަލާތްތައް.
- ޖޮއިންޓު ވެންޗާ އުސޫލުން ކުރިއަށް ގެންދާ ކަންކަން.
- މަޝްރޫއުތަކާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުން.
މި އެންގުމުގެ ސަބަބުން އާބަންކޯ އާއި އެ ކުންފުނީގެ ކަސްޓަމަރުންގެ ހައްގުތަކަށް ވެސް އުނިކަން އަންނަމުންދާ ކަމަށާއި މިކަމުގެ ސަބަބުން ބައެއް ފަރާތްތަކަށް ބޮޑެތި މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އެގޮތުން, އެ ކޯޕަރޭޝަންގެ ގިނަ މަސައްކަތްތައް ކުރަނީ ބިޑު ކުރުމުގެ އުސޫލުގެ ތެރެއިން ކަމަށާއި އީއޯއައި ހުށަހަޅައިގެން ކުރާ މަސައްކަތްތައް ވެސް ހުއްޓި ގެއްލުން ވަމުންދާ ކަމަށް ވެސް އާބަންކޯއިން ބުނެފައިވެ އެވެ.
ވަކި ޕްރޮޖެކްޓެއް އަދި ވަކި މަސައްކަތެއް ބަޔާން ނުކޮށް އޭސީސީން އެފަދަ އެންގުމެއް އަންގާފައިވާތީ މުޅި ކުންފުނީގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ.

އޭސީސީއިން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފަރުކޮޅުފުށި ދިގު މުއްދަތަކަށް ކުއްޔަށް ދިނުން ވެސް ހުއްޓުވާފަ އެވެ.












