ސަރުކާރުގެ ހިއްސާ އޮންނަ ބައެއް ކުންފުނިތައް ހިންގުމާ މެދު އަލަށް އުފެދޭ ސަރުކާރުން ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
އެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ އިންތިގާލީ މަރުހަލާގައި އެކުލަވާލެވިފައިވާ ކޮމިޓީތަކުން އެއްކުރި މައުލޫމާތު ތަކުން، ކަންކަމުގައި އިތުރަށް ވިސްނާލަން ޖެހޭ ބައެއް ކުންފުނިތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެބަހުރި ޒަމާންވީ ގޮތެއްގަ ދެމިގެން އައިސްފަ ހުރި މާ އެކަށީގެންވާ މަސައްކަތްތަކެއްވެސް ނުހިނގާ އެކަމަކު ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން ބޮޑެތި ރިކަރެންޓު ހަރަދުތަކެއް ހިނގާ އެސްއޯއީތަކެއް، އެހެންހުރި އެސްއޯއީ ތަކާމެދު އަޅުގަނޑުމެން އަލުން ވިސްނުމަކަށް ދާނަން" ފިރުޒުލް ވިދާޅުވި އެވެ.
އެގޮތުން، އެ ކުންފުނިތަކާ އެކު ކުރިއަށް ދިއުމަށް ދެ ގޮތެއް އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ކުންފުނީގެ ހިންގުމުގެ މައްސަލަތަކެއް އުޅޭނަމަ އާ ސަރުކާރުން އިސްކަންދޭނީ އެކަންކަން ރަނގަޅު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންނަމަވެސް، އޭގެ ޒާތުގައި އެ އެސްއޯއީ ތަކަކީ ރަނގަޅު ނުކުރެވޭނެ ނުވަތަ އެ ބައްޓަންވެފަ އޮތް ގޮތުންވެސް ހުރި މައްސަލަތަކަކާހުރެ ދައުލަތަށް ބުރަބޮޑުވާ ޒަމާންވީ ކުންފުނިތަކެއް ކަމަށްވާނަމަ އެ ތަންތަނާމެދު އަޅުގަނޑުމެން އަލުން ވިސްނުމަކަށް ދާނަން"

ނަމަވެސް، އަލުން ވިސްނުމަކަށް ދިޔުމޭ ވިދާޅުވި ވާހަކައިގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ. އަދި އެ ކުންފުނިތަކަކީ ކޮބައިކަންވެސް ހާމައެއް ނުކުރައްވަ އެވެ.
އިންތިހާބީ ރައީސް، މާލޭ މޭޔަރުގެ މަގާމުގައި ހުންނެވިއިރު އަދި ރިޔާސީ ކެމްޕޭނުގައިވެސް ބައެއް ކުންފުނިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.














