އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު ހިނގަމުންދާ ވަގުތު އިސްލާމީ މަރުކަޒުގެ އެއް ބައި ބަންދު ކުރުމަށް ނިންމައިފި އެވެ.
އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނާނީ މި މަހު 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ މަރުކަޒާ އިންވެގެން އޮންނަ އެ މައިދާނުގައި ރަސްމިއްޔާތު ބާއްވާތީ އެ ފަޅި ނަމާދު ކުރުމަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުވާނެ ކަމަށެވެ.
އެ ސަރަހައްދު ބަންދު ކުރަން ޖެހެނީ، ބޭރު ބައެއް ގައުމުތަކުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތަކަށް ވުމުން ސަލާމަތީ ސަބަބުތަކަށް ޓަކަ އެވެ.
އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި އެދިފައިވަނީ މެދު ޒިޔާރަތް މަގުގައި ހުންނަ އެ މަރުކަޒުގެ ދެކުނު ފަޅިއާއި ނެޝަނަލް އާޓް ގެލެރީ ކުރިމައްޗަށް ހުންނަ މަރުކަޒުގެ އިރުމަތީ ފަޅި ނަމާދު ކުރުމަށް ބޭނުން ކުރުމަށެވެ.

އެ ގޮތަށް އެދިފައިވަނީ މަރުކަޒުގެ މިސްކިތަށް އަސުރު ނަމާދާއި މަގްރިބު ނަމާދުގެ ވަގުތަށް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.











