ރޭ ފަތިހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުން މިވަގުތު ސިފައިން ހަރަކާތްތެރިވަމުންދަނީ އައިޖީއެމްއެޗް އަދި ދިރާގު މައި އޮފީސް ސަރަހައްދުގަ އެވެ. އެ ސަރަހައްދަކީ އާއްމުކޮށް ފެން ހެދޭ ސަރަހައްދެކެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނި ގޮތުގައި މިއަދު ހެދުނު 8:00 އާއި 10:00 ދެމެދު މާލެއަށް 57 މިލިމީޓަރުގެ ވާރެ ވެހިފައިވެ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ގޯސްވެ، މެޓް އޮފީހުން ވަނީ މެދުރާއްޖެތެރޭގެ ގިނަ އަތޮޅުތަކަށް ޔެލޯ އެލާޓު އަދި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފަ އެވެ. އެގޮތުން, އެންމެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވަނީ ބ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.
އަދި, އެންމެ އުތުރުން ފެށިގެން ދ. އަތޮޅާ ހަމައަށްވެސް ވިއްސާރަ ކުރާނެ ކަމަށް ބުނި ނަމަވެސް، ކަނޑުތައް މަޑުވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.














