އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ބޮޑެތި ރަށްތަކާއި ސިޓީތަކުގައި އީދު ފާހަގަކުރުމަށް 50 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، ފާހަގަކުރެވޭ ހާއްސަ ޕްރޮގްރާމުތަކުގައި ބައިގައި އީދު ފާހަގަކުރުމަށް ހޯމް މިނިސްޓްރީއަށް 50 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.
ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ސަޕޯޓަރުންނާ ބައްދަލުކުރައްވައި އެންމެ ފުރަތަމަ އެމަނިކުފާނު ފާހަގަކުރެއްވި އެއްކަމަކީ އެމަނިކުފާނުގެ ވެރިކަމެއްގައި ކުލަގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމެވެ.
"އިސްލާމީވަންތަކަން ދިރުވާ އާލާކުރަން އަޅުގަނޑުމެން ކޮންމެ ބޭފުޅަކު ބޭނުންވޭ. އެކަން އިހުސާސްވެގެން ދިޔަ އީދު ދުވަހު މަގުތަކުގައި ބޮކި ދިއްލާ ތަކުބީރު ކިއީމާ ރައްޔިތުންގެ ހިތްތަކަށް ލިބުނު އުފަލާ، ފާޅުކުރަމުން ޝުއޫރާ ނަގަމުން ދިޔަ ސެލްފީތަކާ އަޅުގަނޑާ ބައްދަލުވުމުން ދެއްކި ވާހަކަތަކުން," ޑރ. މުއިއްޒު ވިދާޅުވި އެވެ.
ބޮޑު އީދު ފާހަގަކުރުމަށް މާލެ އާއި ވިލިމާލޭގެ މަގުތައް ކުލަބޮކިތަކުން ޒީނަތްތެރިކުރުމާއި، ތަކުބީރު ގޮވުމަކީ ގިނަ ބަޔަކަށް ކަމުދިޔަކަމެއްކަން ފާހަގަކޮށް މުއިއްޒު އޭރު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި އަދި ސިޓީތަކުގައި އެގޮތަށް އީދު ފާހަގަކުރާނެ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ސިޓީއެއްގައި، ހުރިހާ ވެރިކަން ކުރާ ރައްތަކެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. ކެރިފޯރުންތެރިކަން ސަރުކާރަށް ލިބޭ ވަރަކުން އެއަށްވުރެ ވެސް ފުޅާކުރަމުން ދާނަން" މުއިއްޒު ވިދާޅުވި އެވެ.
އަދި ސަރުކާރުގެ ފޯރުންތެރިކަން ހުރި މިންވަރަކުން އެއަަށްވުރެ ކުލަގަދަކޮށް އީދު ފާހަގަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު އޭރު ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ވައުދުތަކާ އެއްގޮތަށް ގިނަ ކަންތައްތަކެއް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައި ވެއެވެ. އެގޮތުން ހިޔާ ފްލެޓުތަކަށް ލިފްޓު އިތުރުކުރުމަށާއި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ގޯދި ދޭން ފުށިދިއްގަރު ފަޅު ހިއްކުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 600 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ދަރަންޏާއި ލޯނު އަދާކުރަން ދައްކާ ފައިސާ އުނިކުރުމަށް ފަހު، ބަޖެޓުގެ ޖުމުލަ ހަރަދަކީ 47.3 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ރިކަރަންޓު ހަރަދަށް 34.8 ބިލިއަން ރުފިޔާ ހޭދަވާއިރު، ޕީއެސްއައިޕީ އަށް 8.6 ބިލިއަން ރުފިޔާ އަދި އެހެނިހެން ކެޕިޓަލް ހަރަދަށް ހަ ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ.
މައިގަނޑު ހަރަދު
- ސިއްހީ ދާއިރާ: 7.4 ބިލިއަން ރުފިޔާ
- ތައުލީމީ ދާއިރާ: 5.3 ބިލިއަން ރުފިޔާ
- އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް: 8.9 ބިލިއަން ރުފިޔާ
- ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާއަށް: 4.5 ބިލިއަން ރުފިޔާ
- އިޖުތިމާއީ ރައްކާތެރިކަން: 3.5 ބިލިއަން ރުފިޔާ
- ތިމާވެށި ރައްކާތެރި ކުރަން: 1.8 ބިލިއަން ރުފިޔާ
- ދިފާއީ، އަދުލް އިންސާފު އަދި އަމަން ގާއިމުކުރަން: 5.6 ބިލިއަން ރުފިޔާ












