އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ނޮވެމްބަރު 17، ގައި އޮންނަ ރަސްމިއްޔާތު ބޭއްވުމަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކޮށް ތައްޔާރީތަކުގެ މަސައްކަތް ފަށައިފި އެވެ.
އިންތިހާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެކެވެ. އެ ރަސްމިއްޔާތުގެ ކަންކަން ކުރިއަށް ގެންދާނީ މަޖިލީހުގެ އިދާރާއިންނެވެ. ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރުމަށް މަޖިލިސް އިދާރާއިން ވަނީ ސިފައިންގެ ގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާ ހަވާލުކޮށްފަ އެވެ.
މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު "އަދަދު" އަށް ވިދާޅުވީ ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށާއި ނޮވްމެބަރު 14 ގެ ކުރިން ހުރިހާ ތައްޔާރީތައް ނިމޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އޭގެ އިތުރުން، ގައުމުތަކުގެ ވެރިންނާއި ޑިޕްލޮމެޓުން ހިމެނޭހެން 3،500 އެއްހާ ފަރާތަކަށް ރަސްމިއްޔާތުގެ ދައުވަތު ދިނުމަށް މަޖިލީހުގެ އިދާރާއިން މިހާރު ތައްޔާރުވަމުންދާ ކަމަށާއި މިއަދު އެ ލިސްޓު ފައިނަލް ވާނެ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.
ޖުމްލަ 22.9 މިލިއަން ރުފިޔާގެ އަގަކަށް މި ރަސްމިއްޔާތުގެ މަސައްކަތް ހަވާލުކޮށްފައިވާ ސިވެކުން، އެ ސަރަހައްދު ޒީނަތްތެރިކުރުމާއި، ރަސްމިއްޔާތުގެ ކުރިއަށް ގެންދިއުން އަދި ކޭޓަރިންގެ ކަންކަންވެސް ހަމަޖައްސާނެ އެވެ.

މިހާރު ހުންނެވި ރަައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރައްވަން ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގެ އިވެންޓް މެނޭޖްކުރަން ބަޔަކާ ހަވާލުކުރީ 17 މިލިޔަން ރުފިޔާއަށެވެ.













