ޕީޕީއެމް/ޕީއެންސީއަކީ އެއް ސިޔާސީ ފިކުރެއްގެ ދެ ޕާޓީ ކަމަށާއި ޕީއެންސީގެ ވެރިކަމެއް އައި ނަމަވެސް ޕީޕީއެމްގެ މެންބަރުން އެ ޕާޓީއަށް ބަދަލުވާން ނުޖެހޭ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕާޓީގެ ސަޕޯޓަރުންނަށް އަންގަވައިފި އެވެ.
ޑޮކްޓަރަށް ދައްކަވަން ގެއިން ބޭރަށް ވަޑައިގަންނެވޭ ގޮތަށް ކަރެކްޝަންސް އިން ދިން ލުޔަށް ފަހު، ކޯލިޝަންގެ މައި ޕާޓީ ކަމަށްވާ ޕީޕީއެމްގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ޔާމީން ވަނީ ރޭ ޕީޕީއެމް/ޕީއެންސީ ހިންގާ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ޔާމީނުގެ އަރިހުގައި އިންނެވީ އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނުގެ ކެންޑިޑެސީ ފޯމުގައި އެއިރު ރަނިން މޭޓެއްގެ ގޮތުގައި ލިޔުއްވީ ވެސް ޖަމީލު ނަމެވެ.
ބައްދަލުވުމަށް ފަހު، ޖަމީލު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވާފައި ވަނީ އެ ބައްދަލުވުމުގައި ޔާމީން ވިދާޅުވެފައިވާ އެއް ވާހަކައަކީ ކޯލިޝަންގެ މައިނޯރިޓީ ޕާޓީއަށް ވެރިކަން ލިބުނު ނަމަވެސް ޕީޕީއެމާއި ޕީއެންސީއަކީ އެއް ސިޔާސީ ފިކުރު ރަމްޒުކޮށްދޭ ދެ ޕާޓީ ކަމަށެވެ.
"ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ. އެއީ އެއް ފިކުރެއްގެ ދެ ޕާޓީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި އަނެއް ވާހަކައަކީ ކުރިއަށް މިއޮތް ފަސް އަހަރަކީ ހަމަޖެހިގެން ތިބެންވީ ފަސް އަހަރު ނޫން ކަމަށާއި މިހާރުން ފެށިގެން ޕާޓީ ވަރުގަދަ ކުރުމަށް މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.
މަސައްކަތް ކުރަމުން އައި ގޮތް ބަދަލުކޮށް ޒުވާނުންނަށް އިސްކަން ދީގެން، އެ ކުދިންނާ ވާހަކަދައްކައިގެން، ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަމުގެ ތެރެއިން އެ ކުދިންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށް ސަޕޯޓަރުންގެ ކިބައިން ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.
ނިމުނު ރިޔާސީ އިންތިހާބު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުވީ އެމްޑީޕީ ތެރެއިން ބަޔަކު ނުކުމެ ޑިމޮރެކްޓްސްގެ ނަމުގައި ޕާޓީއެއް އުފައްދައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ވެސް ކުރުމުން ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު ވިދާޅުވީ، ޕާޓީ އެކަނި ނުކުމެ އިންތިހާބުތައް ކާމިޔާބު ކުރެވޭ ވަރަށް ޕީޕީއެމް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
ޔާމީން މިފަދަ ވާހަކަތަކެއް ދެކެވުނުއިރު، އިންތިހާބީ ރައީސް ޑރ. މުއިއްޒު މިހާރު ލީޑުކުރައްވާ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަން އެނގިފައިވެ އެވެ. މި ފަހުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ތާއީދުކުރައްވަން ނިންމަވާ މަޖިލިސް މެންބަރުން ވެސް ސޮއިކުރައްވަނީ ޕީއެންސީއަށެވެ.
ޕީއެންސީގެ ފަސްފަހަތް
ޕީޕީއެމް/ޕީއެންސީއަކީ ދެ ޕާޓީއެއް ނަމަވެސް ޖޮއިންޓް ކައުންސިލެއް އޮވެގެން އެއް ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކޯލިޝަނެކެވެ.
ޕީޕީއެމަކީ ޔާމީނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ. ޔާމީނުގެ ވެރިކަމުގައި ދެބެއިންގެ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، ޕާޓީގެ ސުލޫކީ ކޮމިޓީން މައުމޫން ޕާޓީގެ މެންބަރު ކަމުން ވަކިކުރީ އެވެ. އޭރު މެންބަރަކު ޝަރީއަތަށް ދިޔައީ މައުމޫން ވަކިކުރީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެ އެވެ. އަދި ޔާމީނަށް ޕާޓީގެ ލީޑަރުކަން ދިނީ ގޯސްކޮށް ކަމަށް ބުނެ އެވެ.
ޕީއެންސީއަކީ އޭރު ޝަރީއަތުގައި އޮތް މައްސަލަ ނިމިގެންދާ ގޮތަކުން ޕީޕީއެމްގެ ބާރު ޔާމީނަށް ގެއްލިދާނެ ކަމުގެ ބިރުވެރިކަން އޮތުމުން އެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އުފެއްދި ބެކްއަޕް ޕާޓީއެކެވެ.
އޭގެ ފަހުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ ނިންމެވީ ވެސް ޔާމީނެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އޮތުމުން ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
ޔާމީނަށް ވާދަނުކުރެވޭ ހާލަތަށް ތައްޔާރުވުމުގެ ގޮތުން ވެސް ބެކްއަޕް ޕާޓީ، ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ނިންމެވި އެވެ. ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަކީ އެއިރު ޔާމީނަށް ވާދަނުކުރެވޭނެ ހާލަތަކަށް ތައްޔާރުވި ބެކްއަޕް ކެންޑިޑޭޓެކެވެ.













