ސޯލާ ޕެނަލްތަކުގެ 95 ޕަސެންޓު މަސައްކަތް ނިމިއްޖެ، ބަދަލުކުރާނަމަ ބޮޑު ހަރަދެއް ދާނެ

ހައިވޭގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އިޔާން/އަދަދު

ހައިވޭގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އިޔާން/އަދަދު

މާލެ-ހުޅުމާލެ ހައިވޭގައި "އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ)" ޕްރޮޖެކްޓުގެ ދަށުން ހަރުކުރާ ސޯލާ ޕެނަލްތަކުގެ 95 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށާއި، އެހެން ތާކަށް ބަދަލުކުރާނަމަ އިތުރު ހަރަދެއް ކުރަންޖެހޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފި އެވެ.

ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޕެނަލްތަކުގެ ސަބަބުން ބްރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ވެސް ގެއްލިފައިވާ ކަމަށެވެ.

އެގޮތުން އިއާދަކުރަނިވި ހަކަތަ މުހިންމު ނަމަވެސް މިހާރު އެ މަސައްކަތް ގެންގޮސްފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ވިސްނެވުމަކީ ޕެނަލްތައް އެ ތަނުން ނެގުމަށް ފަހު މީހުން ދިރިއުޅޭ އެހެން ރަށަކަށް ބަދަލު ކުރުމަށެވެ.

މިކަމާއި ގުޅިގެން "އަދަދު" ނޫހުން ސުވާލުކުރުމުން އެސްޕަޔާ މަޝްރޫއުގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު ވިދާޅުވީ އެއްބަސްވުމާއި އެއްގޮތަށް މިހާރު އެ މަސައްކަތުގެ ޖުމްލަ 95 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ސްޓެލްކޯގެ ގްރިޑަށް ގުޅުމަށް ކުރަންޖެހޭ ކަންކަން ކަމަށާއި ލޮކޭޝަން ބަދަލުކުރާނަމަ މާލީ ހިރާސްތަކެއް އަންނާނެކަން އިފާދު ފާހަގަކުރެއްވި އެވެ.

"ލޮކޭޝަން ބަދަލުކުރާނަމަ ފައިނޭންޝިއަލް އިމްޕްލިކޭޝަންސްތަކެއް އަންނާނެ. އަދި އެކަމަށް ހިނގާނެ ހަރަދެއް އަންދާޒާކުރަން އެނގޭނީ ރީލޮކޭޓްކުރަން އާ ސަރުކާރުން ބޭނުންވާ ސަރަހައްދުތަކުގެ ތަފްސީލު ލިބިގެން،" އިފާދު ވިދާޅުވި އެވެ.

އިފާދު ވިދާޅުވީ އެސްޕަޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ އެތަނުން ނަގައި އެހެން ލޮކޭޝަނަކަށް ބަދަލުކުރުމުގެ ވާހަކައެއް ޓްރާންސިޝަނަލް ކޮމިޓީގައި އިންތިހާބީ ރައީސްގެ ފަރާތުން މިނިސްޓްރީއާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އެގޮތުން ސޯލާ ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރާނަމަ، ސަރުކާރާއި ހަވާލުވެވަޑައިގަތުމަށް ފަހު، އިންތިހާބީ ރައީސް ޑރ. މުއިއްޒު އެ މަޝްރޫއުގެ ފަންނީ ޓީމްތަކައި އިންވެސްޓަރާއި އަދި ވޯލްޑް ބޭންކާއި އެކު މަޝްވަރާކުރައްވާނެ ކަމަށް ލަފާކުރެވޭކަމަށް އިފާދު ވިދާޅުވި އެވެ.

"އިންތިހާބީ ރައީސް ޕަބްލިކް އިވެންޓެއްގައި އެ ބަދަލު ގެންނަން ބޭނުންވާ ވަހަކަ ވިދާޅުވިޔަސް އެކަމުގެ ފަންނީ ތަފްސީލެއް މިނިސްޓްރީއަކަށް ހިއްސާކޮށްފައި ނުވޭ. އެހެންކަމުން ބެލެވެނީ އެ ބަދަލު ގެންނަވަން ނިންމަވައިފިނަމަ ސަރުކާރާއި ހަވާލުވެ މިނިސްޓްރީގެ މި މަޝްރޫއުގެ ފަންނީ ޓީމްތަކައި އިންވެސްޓަރާއި އަދި ވޯލްޑް ބޭންކާއި އެކު މަޝްވަރާކުރައްވާނެ ކަމަށް،" މަޝްރޫއުގެ އިތުރު ތަފްސީލު ދެއްވަމުން އިފާދު ފާހަގަކުރެއްވި އެވެ.

ވޯލްޑް ބޭންކުގެ އެހީގައި އެމްވަޔަރަމެންޓް މިނިސްޓްރީން ހިންގާ އެ މަޝްރޫ ކުރިއަށް ގެންދަނީ ތައިލެންޑުގެ "އެންސިސް ކޯ" ކުންފުނިންނެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 11 މިލިއަން ޑޮލަރެވެ.

އެ މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ރުފިޔާއިން ކަރަންޓް ޔުނިޓަކަށް އެއް ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.

އެ މަޝްރޫއު ނިމުމުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox