އެންމެ ލަސްވެގެން ވެސް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ނިންމާލުމަކީ އަމާޒެއް ކަމަށާއި އެކަން ކާމިޔާބު ކުރެއްވޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިގްތިސޯދު މިއަދު އޮތް ހިސާބުން ކުރިއަށް ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވި އެވެ. ޓޫރިޒަމް ދާއިރާއަށް ވެސް އަދި އެހެނިހެން ދާއިރާތަކަށް ވެސް ހާއްސަ ގޮތެއްގައި އެންމެ މުހިންމު މަސައްކަތަކީ މިވަގުތު އެއާޕޯޓު މަޝްރޫއުގެ ނިންމުން ކަމަށް އެމަނިކުފާނު ވިދާޅުވިމ އެވެ.
"ޓްރާންސިޝަން މަރުހަލާގައި ލިބުނު މައުލޫމާތުތަކުން އެނގިގެން ދަނީ އެއާޕޯޓު ނެތް ކަމަށް އަވަހަށް ނިމޭކަށް. މިއަންނަ އަހަރު ވެސް ނިމި ދެން އަންނަ އަހަރުގެ ޖުލައި އަށް, 2025 ގެ ޖުލައިއަށް ނިމެނީ. އެއީކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. އިގްތިސޯދު މިއޮތީ ވަރަށް ބޮޑު ހީނަރުކަމެއްގައި," ޑރ. މުއިއްޒު މިރޭ ވިދާޅުވި އެވެ.
އެގޮތުން, މިހާރު ވެސް ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށާއި އެކަމުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އިންތިގާލީ މަރުހަލާގެ ތެރޭގައި ވެސް އެއާޕޯޓުގެ މަސައްކަތް އަމިއްލައަށް ބަލާލުމަށް ވެސް ވަޑައިގަންނަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެ މަސައްކަތް އަވަސް ކުރެވޭނެ ގިނަ ގޮތްތަކެއް ހުރި ކަމަށް ވިދާޅުގެ އިންތިހާބީ ރައީސް ވަނީ އެމަނިކުފާނުގެ ޕްލޭން ވެސް ހިއްސާކުރައްވާފަ އެވެ.

"ސީދާ ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް މިކަމާ ގުޅޭ ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު އިސްވެރިން ހިމެނޭހެން ހަދާނަން. އަދި ކޮމިޓީ އަޅުގަނޑު ޗެއާކުރާ ގޮތަށް ހަމަޖައްސާނަން. ކޮންމެ ދުވަހަކު އެ މަސައްކަތް ދާ ގޮތް ބަލައި, އެ ކަމަށްޓަކައި ނަގަން ޖެހޭ ޑިޒިޝަންސް (ނިންމުން) ވަގުތުން ނެގޭނެ ގޮތަށް ރާވައި, ހުރިހާ ކަމެއް," ކާމިޔާބު ކަމާ އެކު ނިންމާފައިވާ ސިނަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށްގެންދިޔަ ގޮތާ އެއްގޮތަށް އެއާޕޯޓު މަޝްރޫއުގެ މަސައްކަތްތައް ވެސް ބަދަލުކުރައްވާނެކަން ހާމަކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވެލޭނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.
ޕެސެންޖާ ޓާމިނަލް ހިމެނޭގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.
ދެ ފަންގިފިލާއަށް ހުންނަ ޒަމާނީ ފެންވަރުގެ އާ ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ އެވެ. މިއާއެކީ މިހާރުގެ ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލު ވެގެން ދާނެ އެވެ. އޭގެ އިތުރުން އެއިރޯ ބޯޑިން ބްރިޖުތަކާއި "ސްޓޭޓް-އޮފް-ދި-އާޓް" ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް ހުންނާނެ އެވެ.












