އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާތް ގުޅުމެއް އޮތުން މުހިންމު ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ހަބަރު އޭޖެންސީ ކަމަށްވާ ރޮއިޓާސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވަނީ ކެމްޕޭނުގައި ފާހަގަކުރެއްވި ގޮތަށް ހާރިޖީ ސިޔާސަތުތައް ބައްޓަން ކުރުމުގެ ސަމާލުކަން ދޭނެ ކަންކަމުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތަށް ކަމަށް ވިދާޅުވެފަ އެވެ.
"ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ފޮނުވުމުގެ މަސައްކަތް ކުރުމަށް ވީ އެންމެ އަވަހަކަށް އެ ގައުމާ އެކު ތެދުވެރި އަދި ތަފްސީލީ ޑިޕްލޮމެޓިކް މަޝްވަރާތައް ފަށާނަން," ނޮވެމްބަރު 17 ގައި މަގާމުގެ ހުވާ ކުރައްވާނެ ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ފޯކަސް އޮތީކީ މިތަނުގައި ވަކި ނަންބަރެއްގެ އަސްކަރީ ސިފައިން ތިބުމަކަށް ނޫން. އެހެން ގައުމެއްގެ އެއްވެސް ސިފައިންގެ މީހަކު ރާއްޖޭގައި ނެތުން މުހިންމީ. އިންޑިއާ ސަރުކާރުގެ މަޝްވަރާއާ އެކު އަޅުގަނޑުމެން މިކަމަށް ހައްލެއް ހޯދާނަން ކުރިއަށްދާން,"
މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް/ ޕީއެންސީގެ ކުރީގެ ވެރިކަމުގައި ޗައިނާއާ ވަރަށް ގާތް ހާރިޖީ ގުޅުމެއް ބޭއްވި އެވެ. އޭގެ ފަހުން މިހާރު އޮތް އެމްޑީޕީގެ ވެރިކަމުގައި ރާއްޖެ ފެންނަނީ އިންޑިއާއާ ގާތް ގައުމެއްގެ ގޮތުގަ އެވެ.

އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ އެމަނިކުފާނުގެ ސަރުކާރުން އިސްކުރާނީ ހުރިހާ ކަމެއްގައި ވެސް ދިވެހިރާއްޖެ އެވެ.
"އަޅުގަނޑަކީ ޕްރޯ ޗައިނާ ނޫނީ އެހެން އެއްވެސް ގައުމެއް ޕްރޯ މީހެއް ނޫން. ދިވެހިރާއްޖެއަކީ ވެސް އެފަދަ ގައުމެއް ނޫން. އަޅުގަނޑުގެ ސަރުކާރު މަސައްކަތް ކުރާނީ ރާއްޖެއަށް. ވަރުގަދަ އިގްތިސާދީ ބާރުތަކާއި އަރަމުން އަންނަ އިގްތިސާދީ ބާރުތަކާ އެކު ބަދަހި ވަރުގަދަ ގުޅުންތަކެއް ބޭއްވުމަކީ ރާއްޖެއަށް ނުހަނު ފައިދާ ކުރާނެ ކަމެއް," ޑރ. މުއިއްޒު ރޮއިޓާސްއަށް ވިދާޅުވި އެވެ.













