އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ޓިކެޓުގައި ވާދަކޮށް މަޖިލީހަށް ހޮވޭ އަންހެން މެންބަރުންނަށް މަޖިލީހުން ލިބޭ މުސާރައާ އިނާޔަތްތަކުގެ އިތުރުން ޕާޓީން ހާއްސަ އިނާޔަތެއް ދޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވީހާވެސް ގިނަ އަންހެނުން ވާދަކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިލައްވާ ކަމެއް ކަމުގަ އެވެ.
އެގޮތުން އެ ކޯލިޝަނުން 20 ވަނަ މަޖިލީހުގައި ތިބޭނެ 93 މެންބަރުންގެ ތެރެއިން 20 އިންސައްތަ ނުވަތަ 18 ގޮނޑިީގެ ޓިކެޓު އަންހެނުންނަށް ދިނުމަށް ޑރ. މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.
"މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ހާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" މުއިއްޒު ލިޔުއްވާފައިވެ އެވެ.
ގާނޫނުގެ ދަށުން މިހާރު މަޖިލީހުގައި އަންހެނުންނަށް ހާއްސަ ގޮނޑީގެ އަދަދެއް ނޯވެ އެވެ. އެގޮތުން 19 މަޖިލީހަށް އިންތިހާބުވީ އެންމެ ހަތަރު އަންހެން މެންބަރުންނެވެ.

މިފަހުން ދަ ޑިމޮކްރެޓްސް ޕާޓީން ވެސް ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފަހައްޓާ އަންހެނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށް އެދި މަޖިލީހަށް އިސްލާހެއްވެސް ހުށަހަޅާފަ އެވެ.













