ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު އެޖެންޑާކުރި ޖަލްސާ މިއަދު ބޭއްވޭ ގޮތެއް ނުވި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މިއަދުގެ ޖަލްސާ ކެންސަލް ކުރީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން ކަމަށެވެ.
މިއަދުގެ ޖަލްސާ ކެންސަލްކުރިކަން އިއުލާނުކުރައްވަމުން އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ އީވާ އާލާސްކަންފުޅާ އުޅުއްވާކަން މަޖިލީހުގެ އިދާރާއަށް ލިއުމުން އެންގެވީ މިއަދު ހެނދުނު ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާ ގަރާރެއްގެ ނޯޓިސް މެމްބަރުންނަށް ފޮނުވުމަށް ފަހު އެ ނޯޓިހުގެ މުއްދަތު ހަމަވެފައިިވާ ނަމަ އެންމެ ފުރަތަމަ އަށް އަންނަ ރަސްމީ ދުވަހު އެ ޖަލްސާ ބާއްވަން ޖެހޭ ކަމަށާއި އެހެންވީމާ މާދަމާގެ ޖަލްސާއަށް ވެސް އެޖެންޑާ ކުރާނީ އެ މައްސަލަ ކަމަށެވެ.
"މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވެސް މި ގަރާރު އަލުން އެޖެންޑާކޮށް، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބުރައީސަށް ދަންނަވާނެކަން އިއްޒަތްތެރި މެމްބަރުންނަށް ދަންނަވަން،" މިއަދުގެ ޖަލްސާ ފަށަން އޮތް ގަޑިއަށް ތަޅުމަށް ވަޑައިގެން ތިއްބެވި މެމްބަރުންނާ މުހާތަބު ކުރައްވައި ނިއުޝާ ވިދާޅުވި އެވެ.
ނިއުޝާއަށް އީވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި އޮތީ މަޖިލީހުގެ ގަވައިދުގެ 246 ވަނަ މާއްދާގެ ދަށުން ސަލާމް ފޮނުއްވާ ކަމަށެވެ. މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތަކާ އެކު ފޮނުއްވި ސިޓީގައި އޭނާ އެދިވަޑައިގެންފައި އޮތީ އެ ލިޔުންތައް މަޖިލީގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މައިނޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާ ހިއްސާކޮށްދެއްވުމަށެވެ.













