ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވާ ވިނަރެސް ފުލެޓުތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ނުވިކި ބާކީ ހުރި ފުލެޓުތައް ވިއްކަން އާބަންކޯއިން ހުޅުވާލަން ނިންމައިފި އެވެ.
އާބަންކޯ ކުރި އިއުލާނެއްގައި ބުނީ ވިނަރެސްގެ ބާކީ ހުރި ފުލެޓުތައް ގަތުމަށް ހުޅުވާލާނީ އަންނަ މަހުގެ ފަހެއްގައި ކަމަށާއި ހުރިހާ ޔުނިޓުތަކެއް ނިމެންދެން ފުލެޓު ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ބާކީ ޔުނިޓުތައް ގަތުމުގެ ފުރުސަތު އާބަންކޯއިން ހުޅުވާލާފައި މިވަނީ ވިނަރެސް ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް އިންޓަރެސްޓް ރޭޓް ހަ ޕަސެންޓަށް ކުޑަ ކުރިތާ ހަތަރު ދުވަސް ފަހުންނެވެ.
އާބަންކޯގެ އިއުލާނުގައި ބުނެފައިވަނީ އެ ފުލެޓުތަކަށް ފުރަތަަމަ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ފުރިހަމަ ކުރި ފަރާތްތަކަށް ބެލުމުން ޔުނިޓުތަކެއް ބާކީވާނެކަން އަންދާޒާ ކުރެވުނު ކަމަށެވެ.
އަދި އެ ޔުނިޓުތަކުގެ ތެރެއަށް މަރުހަލާތައް ނިންމުމަށްފަހު މާލީ ގާބިލުކަން ފުރިހަމަ ނުވާ ފަރާތްތަކުގެ އަދި ޔުނިޓު އިހުތިޔާރުކުރަން ނުދާ ފަރާތްތަކުގެ ޔުނިޓުތައްވެސް މިހާރު ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ. ނަމަވެސް ބާކީވާ ޔުނިޓުތަކުގެ ސީދާ އަދަދެއް ބުނެފައެއް ނުވެ އެވެ.

ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ވިނަރެސް މަޝްރޫއުގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓް ހުރެ އެވެ. އެ އެޕާޓުމަންޓުތައް ގަތުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 1413 ފޯމު ހުށަހަޅާފައިވެ އެވެ. ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތުހަމަވީ 723 މީހުންނެވެ.
ވިނަރެސް ފްލެޓު ލިބޭ 288 ފަރާތަކާއެކު އެގްރީމެންޓްގައި މިހާތަނަށް ސޮއިކޮށްފަ އެވެ. މި މަޝްރޫއުގެ އެޕާޓުމެންޓެއްގެ އަގަކީ 2.5-3 މިލިއަން ރުފިޔާ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޝްރޫއުގެ މަސައްކަތް ފެށި ނަމަވެސް، އެ ވެރިކަން ބަދަލުވިއިރު، ގިނަ ޓަވަރުތަކުގެ ފައުންޑޭޝަން ވެސް ނާޅަ އެވެ. މަޝްރޫއުގެ ބޮޑުބައި ފަށައި ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.












