އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ހުޅުމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ ހަރަކާތްތަކަށް އާބަންކޯ އިން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
އެކި ޖަމިއްޔާތަކުން އިސް ނަގައިގެން ފަލަސްތީނަށް އެހީވުމުގެ ގޮތުން މިހަފްތާ ބަންދުގަ އާއި އަންނަ ހަފްތާގައި ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ހިންގަން ވަނީ ރާވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އިލްމުވެރިންގެ ގުޅުމުން ބާއްވާ ޕެނަލް ޑިސްކަޝަން: މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު ހިޔާ ޕާކް ސަރަހައްދުގަ އެވެ. މި ޑިސްކަޝަންގެ މައުޟޫ އަކީ "ފަލަސްތީނުގެ ހާލަތާއި މެދު" އެވެ.
- މޯމްސަ އެންޖީއޯ އިން ބާއްވާ ފަންޑް ރެއިޒިން: މި އިވެންޓް ކުރިއަށްދާނީ ހުކުރު ދުވަހު އެވެ. އިވެންޓް ކުރިއަށްދާނީ ހިޔާ ސަރަހައްދުގަ އެވެ.
- ކޭކް ޑޯނާސް އިން ބާއްވާ ފަންޑް ރެއިޒިން: މިއީ ތިން ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ އިވެންޓެކެވެ. މި އިވެންޓު ކުރިއަށްދާނީ މި މަހުގެ 28، 29 އަދި 30 ގަ އެވެ.
އާބަންކޯ އިން ބުނީ މި ހަރަކާތްތައް ކުރިއަށްގެންދަން ބޭނުންވާ ކަންތައްތައް އެ ކުންފުނިން ފަހިކޮށްދެމުންދާ ކަމަށެވެ. އަދި, ވިހާވެސް ގިނަ މީހުން މި އިވެންޓުތަކުގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެ މީހަކަށް ވީވަރަކުން އެހީވެދިނުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
ފަލަސްތީނު ރައްޔިތުންނަށް ދުނިޔޭގެ އެކި ހިސާބުތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައި ވެސް ގިނަ ހަރަކާތްތަކެއް ވަނީ ފަށާފަ އެވެ.














