އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯސާޖަރީ ޓީމުން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023" ފަށައިފި އެވެ.
މިއީ މި ކޮންފަރެންސް ބާއްވާ ފަސްވަނަ އަހަރެވެ. މިއަދު ކޮންފަރެންސް ފެށިއިރު އިއްޔެ ވަނީ ކާމިޔާބުކަމާ އެކު އޮންލައިންކޮށް ސާޖަރީއެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮންފަރެންސް ރަސްމީކޮށް ފަށްޓަވައިދެއްވައިރު އެމަނިކުފާނުގެ އަރިހުގައި އޭޑީކޭ ގުރޫޕްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ނާޝިދާއި އަދި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭޑީކޭގެ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދަށް ހަނދާނީ ފިލައެއް އަރުވަނީ. ފޮޓޯ:އަބްދުﷲ އިހޔާން/އަދަދު
މޭއި، 6 2021 ގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އެމަނިކުފާނު އޭޑީކޭއިން ސިއްހީ ހިދުމަތް ހޯއްދެވިކަން ފާހަގަކޮށް، އެ ހޮސްޕިޓަލުން ވަނީ ނަޝީދަށް ހާއްސަ ހަނދާނީ ފިލާއެއް އަރުވާފަ އެވެ. މި ފިލާގައި ހިދުމަތް ހޯއްދެވި އިރު ރައީސް ނަޝީދު ލައިގެން ހުންނެވި ޕޭޝަންޓް ގައުން ވަނީ ހިމަނާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން އޭޑީކޭގެ އެމްޑީ އަފްއާލް ވަނީ ސިއްހީ ދާއިރާއަށް އިންވެސްްޓު ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. އަދި, ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ނިއުރޯ ސާޖަރީގެ ދާއިރާ ކުރިއަރާފައިވާ މިންވަރު އަފްއާލް ފާހަގަކުރެއްވި އެވެ. ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ސިކުނޑީގެ 3ޑީ ވީޑިއޯ ޕްރެސެންޓޭޝަނެއް ވެސް ވަނީ ދައްކާލާފަ އެވެ.
މި ކޮންފަރެންސްގެ ވޯކްޝޮޕްތަކާއި ސެޝަންތައް މިއަދު އަދި މާދަމާ ކުރިއަށްދާނެ އެވެ.
މިފަދަ ކޮންފަރެންސެއް އޭޑީކޭން އެންމެ ފުރަތަމަ ބޭއްވީ 2017 ވަނަ އަހަރު އެވެ. އެފަހަރުގެ ކޮންފަރެންސް ހާއްސަކުރީ ހަމައެކަނި މައިބަދައިގެ ބަލިތަކަށެވެ. އަދި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިވް ސާޖަރީއެއް ފުރިހަމަކުރީ ވެސް އެ ކޮންފަރެންސްގެ ތެރެއިންނެވެ.
އޭގެ ފަހުން 2018 އަދި 2019 ގައި ކޮންފަރެންސްގެ ދާއިރާތައް ފުޅާކޮށް ހުރިހާ ބާވަތެއްގެ ނާރުގެ ބަލިތަކަށް ހާއްސަކުރި އެވެ. ކޮވިޑަށް މެދުކަނޑާލުމަށް ފަހު އަނެއްކާ ވެސް މިދިޔަ އަހަރުން ފެށިގެން އޭޑީކޭން އަންނަނީ މި ކޮންފަރެންސް ބާއްވަމުންނެވެ.













