އައިޖީއެމްއެޗް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ, ނޫރު އާދަމް ހަސަންފުޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އޭނައަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުށް ކުރިއިރު ދައުވާ ލިބޭ މީހާއަށް 18 އަހަރު ނުފުރޭތީ އޭނާގެ މައްސަލަ ބެލީ ވެސް ޖުވެނައިލް ކޯޓުންނެވެ. ޖުވެނައިލް ކޯޓުން އޭނާއަށް މަރުގެ އަދަބު ދިނުމަށް ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރީ، މަރުގެ އަދަބު ކަނޑައެޅޭ ހުކުމްތަކަށް ޝަރީއަތުގެ ތިން މަރުހަލާ ހިނގަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާތީ އެވެ.
ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުން ގަސްތުގައި މީހަކު މަރައިފި ނަމަ އިސްލާމީ ޝަރީއަތުން ދެވޭ އަދަބަކީ ވާރިސުން ބޭނުންވާ ނަމަ މަރުގެ އަދަބު ނަމަވެސް، މިހާރު އަމަލުކުރާ ކުޑަކުދިންގެ އަދަލު ގާނޫނުގައި އެއީ ކުޑަކުއްޖަކަށް އިއްވޭނެ އަދަބެއް ނޫން ކަމަށެވެ.
މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުގެ ހުކުމުގައިވާ ބަޔަށް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް އަދަބުގެ ބައި އަލުން ޖުވެނައިލް ކޯޓުން އަލުން ކުރިއަށް ގެންދިޔުމަށް ހައި ކޯޓުން އެންގި އެވެ.
މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

މާޗު 29، 2015 ގައި ސައިކަލުތަކެއްގައި ދިޔަ ގްރޫޕަކުން އައިޖީއެމްއެޗް ކައިރީގައި ނޫރަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ހަތަރު މީހަކަށް ދައުވާ އުފުލި އެވެ. އޭގެ ތެރެއިން އޭރު 18 އަހަރު ނުފުރޭ ދެ ކުއްޖަކު ހިމެނޭއިރު، ދެން ހިމެނޭ ކުއްޖާގެ މައްޗަށް ހައި ކޯޓުން އިއްވީ 10 އަހަރުގެ ޖަލު ހުކުމެކެވެ.
ދެން މި މައްސަލާގައި ދައުވާ އުފުލިފައިވަނީ ޏ. ފުވައްމުލައް، ޝައިނީ، މުހައްމަދު ސަމީހް އަދި ޏ. ފުވައްމުލައް، ނޯވެލް، މުހައްމަދު ޝަމްލުގެ މައްޗަށެވެ. އެ ދެ މީހުނަށް ކުރާ ދައުވާއަކީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން އެ ކުށަށް ކަނޑައެޅެން އޮތް އަދަބަކީ 25 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ މައްޗަށް އިއްވީ އެ އަދަބެވެ.












