ކުޅުދުއްފުށި އެއާޕޯޓުގެ ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ހަތަރު މުވައްޒަފަކަށް އަނިޔާވި ހާދިސާ އާ ގުޅިގެން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ދަށުން ހިންގާ އެއާޕޯޓުތަކުގައި ޕްރެޝާ ޕެޑް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައިވެސް ބޭނުންކުރަމުން އަންނަ ޕްރެޝާ އިކުއިޕްމެންޓް ޑިރެކްޓިވް (ޕެޑް) ސިސްޓަމަކީ އެއާޕޯޓުތަކުގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުގެ ޓްރެއިނިން ޑްރިލްއެއްގައި ބޭނުންކުރާ ސިސްޓަމެކެވެ. ޕްރެޝަރުގައި ރޯވެ އަނދައަނދައި ހުންނަަ އަލިފާން ނިއްވާލުމުގެ މި ތަމްރީނުތައް ކޮންމެ ތިން މަހަކުން ހަދަން ޖެހެ އެވެ. މި ޑްރިލްގައި ފަޔަމަނުން ޖެހެނީ މި ޕްރެޝާ ފެޑްގައި ރޯ ކުރާ ހުޅުގަނޑު ނިއްވާލާށެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ކޮމާޝަލް، މުހައްމަދު މައުރޫފް "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ އެއާޕޯޓެެއްގައި ވެސް އެ ސިސްޓަމް ބޭނުންކުރުން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާ ގުޅިގެން ތަހުގީގު ކުރުމުން އެ ހާދިސާ ހިނަގައި ދިޔަ ގޮތް، އެހެންވެ ފިޔަވަޅެއްގެ ގޮތުން މި ސިސްޓަމް ބޭނުންކުރުން ވަގުތީ ގޮތުން މެދުކަނޑާލީ" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސިސްޓަމް އަލުން ބޭނުންކުރަން ފަށާނީ ސިވިލް އޭވިއޭޝަނާ ގުޅިގެން ހަދަމުންދާ ތަހުގީގު ނިމުމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފިށި އެއާޕޯޓުގެ ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި އެ ސިލިންޑަރު ގޮވައި ހިނގި ހާދިސާގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާ އަށް ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފަ އެވެ.













