ހދ. މަކުނުދޫ އާއި ހދ. ކުޅުދުއްފުށީގައި ހިނގަައިދިޔަ ގޭސް ސިލިންޑަރު ގޮވުމުގެ ބޮޑު ހާދިސާތަކާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސް ކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އޮކްޓޯބަރު 19, ގައި ކުޅުދުއްފުށީ އެއާޕޯޓުގެ ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ހަތަރު މީހުންނަށް އަނިޔާ ލިބުނެވެ. އޭގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް ބޭރަށް ވަނީ ފޮނުވާފަ އެވެ.
މިއަދުގެ ވަގުތެއްގައި މަކުނުދޫގައި ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ގޭސް ސިލިންޑަރެއް ގޮވައި ދެ ބިދޭސީން ވަނީ މަރުވެފަ އެވެ.
އެ ދެ ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ތަހުގީގުކޮށް، މި ފަދަ ހިތާމަވެރި ކަންކަން ތަކުރާރުނުވާނެހެން ފިޔަވަޅު އަޅުއްވައި ދެއްވުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް މިއަދު ނެރުނު ބަޔާނެއް މެދުވެރިކޮށް ޑރ. މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.
"ނިޒާމީ ގޮތެއްގައި މި ފަދަ މައްސަލަތަކަށް ހޯދަންޖެހޭ ހައްލު ހޯދުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންގެ އަރިހުން އެދެމެވެ," އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ދެ ހާދިސާވެސް ހިނގާފައި ވަނީ މަސައްކަތުގެ މާހައުލުގައި ކަމުން، މިފަދައިން މެދުވެރިވާ ހާދިސާތައް މަދުކޮށް މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މުޅި މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށް ޑރ. މުއިއްޒު މިއަދު ގޮވާލެއްވި އެވެ.













