ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ތިން ޝިޕްމަންޓެއް ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
ފުރަތަމަ ޝިޕްމަންޓަކީ ސެޕްޓެމްބަރު 27، ގައި ޖަރުމަނުވިލާތުން އެތެރެކުރަން އުޅުނު ޕެކޭޖެކެވެ. އެ ޕެކޭޖުގެ އެތެރެ ބަލައިފާސްކޮށް ފެނުނު ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯނަށް ޕޮޒިޓިވް ވެފަ އެވެ. އެ ތަކެތީގެ ބަރުދަނަކީ 2.25 ކިލޯ ގްރާމެވެ.
ދެން އަތުލައިގަތީ އިންޑިއާއިން ރާއްޖެ އެތެރެކުރި އިލެކްޓްރޯނިކް ސާމާނުތަކުގެ ޝިޕްމަންޓަކުން ފެނުނު މަސްތުވާތަކެއްޗެވެ. އޮކްޓޯބަރު 5، ގައި އެތެރެކުރަން އުޅުނު އެ ތަކެތި ވަނީ ހެރޮއިނަށް ޕޮޒިޓިވް ވެފަ އެވެ. ތިން ކިލޯގެ ބަރުދަން ހުރި އެ ތަކެތީގެ މަގުމަތީ އަގަކީ 3.8 މިލިއަން ރ. އެވެ.
ތިންވަނަ ޝިޕްމަންޓަކީ އޮކްޓޯބަރު 7، ގައި ތައިލެންޑުން ރާއްޖޭގެ އެއާކާގޯ މެދުވެރިކޮށް އެތެރެކުރަން އުޅުނު ޝިޕްމަންޓުން ފެނުނު ތަކެއްޗެކެވެ. އެ ތަކެތި ތަހުލީލުކުރިއިރު ހިރޮއިންއަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އަތުލައިގަތް ތަކެތީގެ ބަރުދަނަކީ 3.55 ކިލޯ އެވެ. މަގުމަތީ އަގަކީ 4.2 މިލިއަން ރ. އެވެ.
ގާތްގަނޑަކަށް 10 ދުވަހުގެ ތެރޭގައި އަތުލައިގަތް ތިން ޝިޕްމެންޓްގެ މަސްތުވާތަކެތީގެ ބަރުދަން 8.84 ކިލޯއަށް އަރަ އެވެ.












