ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ބޭހާއި ބޭހާ ގުޅޭ ސަޕްލައިސް ފޯރުކޮށްދިނުމަށް ހާއްސަ އެއްބަސްވުމެއްގައި އިންޑިއާގެ ކުންފުންޏަކާ އެކީ ސޮއިކުރަން އުޅޭ ކަމަށް ބުނެ އިންތިހާބީ ރައީސްގެ އޮފީހުން ދެއްކި ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.
މިފަދަ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެ އިންތިހާބީ ރައީސްގެ އޮފީހުން ވަނީ އެގޮތަށް އަމަލު ނުކުރުމަށް އެދިފަ އެވެ.
ޑރ. މުހައްމަދު މުއިއްޒު މިގޮތަށް އެދިވަޑައިގެންނެވި ކަން ހާމަކުރައްވަމުން އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެ ކުންފުންޏަކީ އިންޑިއާގެ ޓެމިލްނާޑޫ ގައި ގާއިމްވެފައިވާ ކުންފުންޏެއް ކަމަށެވެ. އެކަމަކު އެ ކުންފުނީގެ ނަމެއް ހާމައެއް ނުކުރެ އެވެ.
"އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން މި ކުންފުންޏަށް އަދި އަންގާފައި ނުވޭ," އެކަމާ ގުޅިގެން އެސްޓީއޯއިން ބުނެފައިވެ އެވެ.
ބޭސް ގެންނަން އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ މައްސަލަ ހުއްޓާލަން އެންގި އިރު، ނިމުނު ހަފުތާގެ ތެރޭގައި އިންތިހާބީ ރައީސްގެ އޮފީހުން ވަނީ، ފަރުވާއަށް ބޭނުންވާ ވަރަށް ސިއްހީ ފަރުވާދޭ ސާމާނުގެ ސްޓޮކް އާކޮށްފައި ނުވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭރު އެ އޮފީހުން ބުނީ މިފަދަ ސާމާނުގެ ސްޓޮކް އަހަރަކު ދެ ފަހަރު އޯޑަރު ކުރަން ޖެހުނު ނަމަވެސް، މި އަހަރުގެ މިހާތަނަށް އެކަން އެގޮތަށް ނުކުރާތީ، އަންނަ މަހުގެ މެދަކާ ހިސާބުން ބައެއް ސިއްހީ ހިދުމަތްތައް ދިނުން ހުއްޓާލަން ޖެހިދާނެ ކަމަށެވެ.













