ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ތަރައްގީކުރުމަށް ހިއްކާ ސަރަހައްދުގެ ސައިޓް އޭ އެއްކޮށް ހިއްކައި ނިމިފައިވާ ކަމަށް އާބަންކޯ އިން ބުނެފި އެވެ.
މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކަނީ ދެ މަރުަހަލާއެއްގަ އެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި 10 ހެކްޓަރުގެ ބިން ހިއްކާއިރު ދެވަނަ މަރުހަލާގައި 53 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
އާބަންކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުރަތަމަ މަރުހަލާގައި ހިއްކަން ނިންމާފައިވާ ސައިޓް އޭގެ 10 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ. އަދި ސައިޓް ބީގެ ބިން ހިއްކަން މިހާރު ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ސައިޓް ބީ ހިއްކަން ފަށާފައިވާއިރު އެ ސަރަހައްދުގައި އަޅާފައިހުރި އުޅަނދުތައް 22 އޮކްޓޯބަރު ވާ އާދިއްތަ ދުވަހުގެ ކުރިން ނަގައި ދިނުމަށް އެކުންފުނިން ވަނީ އެދިފަ އެވެ.

ހުޅުމާލެއިން ހިއްކާ ސަރަހައްދު، މި ސަރަހައްދުގައި ހުރި އުޅަނދުތައް ނަގައިދިނުމަށް އާބަންކޯ އިން ވަނީ އެދިފަ-- ފޮޓޯ: އާބަންކޯ

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މި މަޝްރޫއަކި މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ.
އެގޮތުން ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށް އާބަންކޯ އިން ބުންޏެވެ.












