ދިވެހިންގެ ގައުމިއްޔަތާއި އިސްލާމް ދީނަށް އެންމެ އިސްކަންދޭ ސަރުކާރަށް އަންނަ ނޮވެމްބަރު 17, ގައި އުފެދޭ ޕީއެންސީގެ ވެރިކަން ވެގެންދާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވަނީ ރާއްޖެ އިސްލާމްވީތާ 897 އަހަރު ފުރޭ މުނާސަބާގައި، ތަހުނިޔާ އާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ.
އިސްލާމްދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީ ގޮތުން ނުވަ ގަރުނު ފުރިހަމަވާން ބާކީ އޮތީ ތިން އަހަރު ކަމަށް ވާއިރު، އެންމެ ހެޔޮ ބަދަލެއް ރާއްޖެއަށް ގެނުވި ތާރީހީ ހާދިސާއަކީ ރާއްޖެ އިސްލާމްވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދިވެހީންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ސަގާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީ އިސްލާމު ދީން ކަމަށް ޑރ. މުއިއްޒު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
"17 ނޮވެމްބަރު 2023 ގައި ގާއިމުވާ ޕީޕީއެމް/ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށެވެ. މި ޤައުމުގެ އިސްތިޤްލާލާއި ފަޚުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށެވެ," އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން, އެމަނިކުފާނުގެ ސަރުކާރުން ދިވެހީންގެ ރީތި އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަގުވާމީ މަސްރަހުގައި އުފުލައިދޭނެ ކަމުގެ ޔަގީންކަން ވެސް ޑރ. މުއިއްޒު ވަނީ ދެއްވާފަ އެވެ.
ދިވެހީންގެ ހިތްތައް އިސްލާމީ ހިދާޔަތުގެ މަތީގައި އަބަދުމެ ލަހައްޓަވައި، ދިވެހި ފަސްގަނޑަށް ނިސްބަތްވާ ކޮންމެ ދިވެހި ދަރިއަކީ އިސްލާމްދީނަށް ލޯބިކުރާ، ގައުމު އިސް ކުރާ، ތެދުވެރި، އަމާނާތްތެރި، ހުލްގު ހެޔޮ ބަޔަކަށް ވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
މި ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބި ކަމީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށާއި ފިކުރީ ގޮތުންނާއި އިގުތިސާދީ ގޮތުން ހުރި ގޮންޖެހުތަކާ ވެސް ކުރިމަތިލާނީ ގައުމު އިސްކޮށްގެން، ދިވެހީންގެ މަސްލަހަތު ކުރިއަށް ނެރެގެން ކަމަށް އެ ބަޔާނުގައި ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީއުލްއާހިރު މަހެއްގެ ދެވަނަ ދުވަހެވެ.













