ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލިޔަސް އެ ގައުމުން ރާއްޖޭގައި ހިންގާ މަޝްރޫއުތައް މަދުކޮށްފާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އިންތިހާާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަލްޖަޒީރާގެ "ޓޯކް ޓު އަލްޖަޒީރާ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ އިންޑިއާއިން ރާއްޖޭގައި ހިންގާ މަަޝްރޫއުތަކާއި ކުރާ އިންވެސްޓް އިތުރު ކުރަން ޝައުގުވެރިވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޮނުވައިލުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަލްޖަޒީރާއަށް ދެއްވި އިންޓަވިއުގައި ވެސް އެ މަނިކުފާނު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހު އެކަމަށް މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
އަލްޖަޒީރާއިން ސުވާލުކުރީ އިންޑިއާ ސިފައިން އަނބުރާ ގެންދަން އެންގުމަށް ފަހު، ލޯނުތަކަށް ލުއި ގޮތެއް ހަދައިދޭން އެދުމުން އިންޑިއާއިން ލުޔެއް ދޭނެ ކަމަށް ދެކެވަޑައިގަންނަވަނީ ކީއްވެތޯ އެވެ. މުއިއްޒު ވިދާޅުވީ އިންޑިއާއިން ލުއިދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އިންޑިއާއިން ރާއްޖޭގައި އިންވެސްޓްކުރާ މިންވަރު މަދުކޮށް، ރާއްޖެއަށް ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީތައް ކުޑަކޮށްފާނެ ކަމަށް ދެކެވަޑައިގަންނަވަންތޯ ވެސް އަލްޖަޒީރާއިން ސުވާލުކުރި އެވެ.

"އަޅުގަނޑު ހަގީގަތުގައި ނުދެކެން އެގައުމުން އެގޮތަށް ކަންތައް ކޮށްފާނެ ކަމަކަށް. އަދި އަޅުގަނޑު ދެކެނީ އިތުރު ލައިން އޮފް ކްރެެޑިޓް [ލައިން އޮފް ކްރެޑިޓްގެ ގޮތުގައި ދޭ ފައިސާ] އިތުރުކުރަން އެ ގައުމުން ޝައުގުވެރިވާނެ ކަމަށް،" އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ތަރައްގީގެ އެހެން ދާއިރާތަކަށް އިތުރަށް އިންވެސްޓްކުރަން އެ ގައުމުން ޝައުގުވެރިވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އިންޑިއާއާ ރާއްޖެއާ ދެމެދު އަބަދު ވެސް އޮތީ ރަނގަޅު ގުޅުމެއް ކަމަށާއި އެ ކަމަށް ބަދަލެއް އަންނަން އެދިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.













