ޔާމީނު މިނިވަންކުރުމުގެ ފޯމިއުލާއަކަށް މުއިއްޒު ދެއްކެވީ ޝަރުއީ ނިޒާމު އިސްލާހު ކުރުން

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކުރި ދުވަހު އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެމަނިކުފާނަށް މަރުހަބާ ވިދާޅުވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކުރި ދުވަހު އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެމަނިކުފާނަށް މަރުހަބާ ވިދާޅުވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

މަނީ ލޯންޑާކުރުމާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކުރެވޭނެ ފޯމިއުލާއަކީ ޝަރުއީ ނިޒާމު އިސްލާހު ކުރުން ކަމަށް ދޭހަވާ ގޮތަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަފުޅު ދައްކަވައިފި އެވެ.

އަލްޖަޒީޒާގެ "ޓޯކް ޓު އަލްޖަޒީރާ" ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކޯޓުތައް ސިޔާސީ ނުފޫޒުން ސަލާމަތްކުުރުމަށްޓަކައި ދެކަމެއް ކުރައްވާނެ ކަމަށެވެ. އެއް ކަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އެކުލެވިފައިވާ ގޮތް ބަދަލުކޮށް، ސިޔާސީ މީހުން އެ ކޮމިޝަންގައި ނުހިމެނުމެވެ. ދެވަނަ ފިޔަވަޅަކީ ޝަރުއީ ދާއިރާގެ އިދާރީ ކަންތައްތައް ބެލެހެއްޓުން އެ ކޮމިޝަނުން ވަކިކުރުމެވެ.

ޔާމީނަށް ކުރި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް މުއިއްޒު ވިދާޅުވީ "ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ނަމަ، ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވާ ބޭފުޅަކު މިނިވަން ކުރައްވަން މަސައްކަތް ކުރައްވަނީ ކީއްވެތޯ" އަލްޖަޒީރާއިން ސުވާލުކުރުމުންނެވެ.

އެގޮތަށް ޖަވާބު ދެއްވުމުން އަލްޖަޒީރާއިން ސުވާލުކުރީ "ރާއްޖޭގެ ޝަރުއީ ނިޒާމަކީ މިނިވަން އިންސާފުވެރި ނިޒާމެއް ކަމަށް ގަބޫލުކުރައްވަންތޯ" އެވެ.

"މިވަގުތު މިނިވަނެއް ނޫން. އަދި އަޅުގަނޑު ފުރަތަމަ ދުވަހުން ފެށިގެން ކަށަވަރުކުރާނަން އެ ނިޒާމަކީ މިނިވަން އިންސާފުވެރި ނިޒާމެއް ކަން. އަދި އެ ނިޒާމަކީ މިނިވަން އިންސާފުވެރި ނިޒާމެއްކަން ކަށަވަރު ކުރުމަށް އަޅުގަނޑު ފިޔަވަޅުތައް އަޅާނަން،" މުއިއްޒު ރައްދުގައި ވިދާޅުވި އެވެ.

"އަޅުއްވާނީ ކޮން ފިޔަވަޅުތަކެއްތޯ؟" އެ ހިސާބުން އަލްޖަޒީރާ އިން ސުވާލުކުރި އެވެ.

މުއިއްޒު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިޔާސީ ނުފޫޒު ނައްތަވައިލައްވާނެ ކަމަށާ ޝަރުއީ ދާއިރާގެ އިދާރީ ހިންގުމުން އެ ކޮމިޝަނުން ވަކިކުރައްވާނެ ކަމަށެވެ. އެކަމަށް ޓަކައި ގާނޫނުތައް ހައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޝަރުއީ ނިޒާމު އެގޮތަށް އިސްލާހު ކުރައްވާއިރު ޔާމީނު މިނިވަން ކުރަން އެ ނިޒާމުގެ ތެރެއިން މަސައްކަތް ކުރުން މާ ރަނގަޅުނޫންތޯ" ޖަވާބާ ގުޅުވައި އަލްޖަޒީރާއިން ސުވާލުކުރި އެވެ. މުއިއްޒު ވިދާޅުވީ ޔާމީނު މިނިވަން ކުރުމުގެ މަސައްކަތް ކުރާނީ އެ ނިޒާމުގެ ތެރެއިން ކަމަށެވެ.

"މީހަކު ބަހައްޓާ ތަން ބަދަލުކުރުމަކީ ރައީސަށް ކުރެއްވޭނެ ކަމެއް. އެއީ ޖަލުން ގޭބަންދަށް ބަދަލުކުރުން ކަމަށް ވިޔަސް ނުވަތަ އެހެން ގޮތަކަށް ވިޔަސް، އެއީ ގާނޫނު ހުއްދަކުރާ ކަމެއް. އެކަމަކު މީހަކު މުޅިން މިނިވަން ކުރުމަކީ ނުވަތަ ކޮށްފައި އޮތް ހުކުމެއް ބާތިލުކުރުމަކީ ފަނޑިޔާރުންނާ ހިސާބުގައި އޮތް ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވާ ސިޔާސީ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކާއި ބަންޑާރަނައިބެވެ. އެކޮމިޝަނުގެ އެކުލެވުން ބަދަލުކުރަން މިހާރުގެ ސަރުކާރުން ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ.

މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަަމަށް ވާތީ، ޖޭއެސްސީގެ އެކުލެވުން މުއިއްޒު އެދިވަޑައިގަންނަވާ ގޮތަކަށް ބަދަލުކުރައްވަން މި ދައުރުގައި ފަސޭހައެއް ނުވާނެ އެވެ. މިހާރު އޮތް މަޖިލީހުގެ ދައުރު އަންނަ އަހަރު ނިމޭނެ އެވެ.

ޔާމީން 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން އެމަނިކުފާނު 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި މައްސަލަ ސާބިތުވެގެންނެވެ.

އޭގެ އިތުރުން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ވެސް ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތުގައި ޔާމީނުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައި ވެ އެވެ. އެ މައްސަލަ އޮތީ ކްރިމިނަލް ކޯޓުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox