އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފޯން ނަންބަރު ބޭނުންކޮށްގެން ދައުރުކުރަމުން ދަނީ ފޭކް އެސްއެމްއެސްތަކެއް ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެދިއްޖެ އެވެ.
އެމަނިކުފާނުގެ ނަންފުޅުގައި އަދި މޯބައިލް ނަންބަރު ބޭނުންކޮށްގެން ތަފާތު އެކި ބޭނުންތަކުގައި ހަގީގަތާ ހިލާފު އެސްއެމްއެސްތަކެއް އަންނަނީ ދައުރުކުރަމުންނެވެ. ވެރިކަމާ ހަވާލުވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އެ އެސްއެމްއެސްތަައް ދޮގުކޮށް އެކަން ކުށްވެރިކޮށްފަ އެވެ.
"މި ކަން ކުރަނީ ކޮންމެ ފަރާތަކުން ނަމަވެސް، މި ފަދަ ނާތަހުޒީބު އަމަލުތައް ނުކުރުމަށާއި، އެ ފަދަ މެސެޖެއް ލިބިވަޑައިގެންނެވި ނަމަވެސް އެއަށް އަމަލު ނުކުރުމަށް ނަސޭހަތްތެރިވަމެވެ. ނާތަހުޒީބު ފިނޑި މި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ," އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން, ޑރ. މުއިއްޒުގެ ނަންފުޅުގައި ދައުރުކުރަމުންދާ އެސްއެމްއެސްތަކުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވައި އެ ކަން ހުއްޓުވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ދިވެހި ފުލުހުންނަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.













