މި ސަރުކާރުން އެއްވެސް ރަށެއްގައި ހިންގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން ނުވަތަ މަޑުޖައްސާލަން އަންގާފައި ނުވާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު މުއިއްޒު ވެރިކަމާ ހަވާލުވުމާ ހަމައަށް އޮންނަ އިންތިގާލީ މަރުހަލާގެ ތެރޭގައި ސަރުކާރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކި ކަންތައްތަކެއް ނުކުރުމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ އެދިފަ އެވެ.
އެއީ ސަރުކާރާއި ކުންފުނިތަކުގެ މަސައްކަތް ހުއްޓުވާލަން އެންގި އެންގުމެއްގެ ގޮތުގައި ތަރުޖަމާކުރެވި ބައެއް މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އިންތިގާލީ މަރުހަލާ ކަމަށް ބުނެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އަންގާ ކަންކަން ކުރުމަށް އެތަންތަނުގެ އިސް މުވައްޒަފުން ދެކޮޅު ހަދާ ކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހާ ހަމައަށް ގޮސް، އެ މައްސަލަ ވަނީ މިއަދު ބަލަން ފަށައިފަ އެވެ.
މުއިއްޒު މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ރަށެއްގައި ހިންގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން ދަންނަވާފައިނުވުމުގެ އިތުރުން އެމަނިކުފާނުގެ ފަރާތުން އެއްވެސް ބޭފުޅަކު އެކަހަލަ އެންގުމެއް ވެސް ނާންގާނެ ކަމަށެވެ.
"ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުން ދާކަމާއި، އެކަން ކުރަނީ އަޅުގަނޑު އަންގައިގެންކަމަށް ދައްކާ ހަގީގަތެއްނެތް ވާހަކަތަކާއި ގުޅިގެން، ރައްޔިތުންނަށް ޔަގީންކަން ދިނުމުގެ ގޮތުން ދަންނަވާލަން،" މުއިއްޒުގެ ޓްވީޓުގައިވެ އެވެ.

އަންނަން އޮތް ސަރުކާރަށް ދަތިވެދާނެތީ އިންތިގާލީ މަރުހަލާގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުކުރުމަށް އެދި އިންތިހާބީ ރައީސްގެ އޮފީހުން އެދުނީ 10 ކަމެކެވެ. އޭގެ ތެރޭގައި އާ ޕްރޮޖެކްޓްތައް އިއުލާންކުރުމާއި، ވަޒީފާގެ އޮނިގަނޑާއި މުސާރާގެ އޮނިގަނޑަށް ބަދަލު ގެނައުން އަދި އާ އިންވެސްޓްމަންޓެއް ފެށުން ހިމެނެ އެވެ.
އެ އެދުމާ އެއްގޮތަށް ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ސަރުކާރު ކުންފުނިތަކަށް އެކަންކަން ނުކުރުމަށް އެދި ސާކިއުލާއެއް ފޮނުވައިފަ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ސަރުކާރުން ވެސް އާ މަޝްރޫއުތައް ނުފެށުމާއި މުވައްޒަފުން ނުނެގުމާއި ތަންތަން ކުއްޔަށް ދިނުން ހުއްޓާލުން ހިމެނޭހެން ބައެއް ކަންކަން ނުކުރަން އަންގައިފަ އެވެ.
ސަރުކާރުން ވަނީ އެކަންކަމަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ އެންގުމާ ހިލާފަށް ބައެއް އޮފީސްތަކުން އަމަލުކުރާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނުމުން ސަރުކާރުން ވަނީ މި މަރުހަލާގައި ވެސް ސަރުކާރު ހުއްޓާލާފައި ބާއްވަން ނޭންގޭނެ ކަމަށް ބުނެ ރައްދުދީފަ އެވެ.












