އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށް ސަރުކާރުން އިއުލާނުކުރުމުން އޮމާނަށް ދިޔަ ދިވެއްސަކަށް އެ ގައުމަށް އެތެރެ ނުވެވި އެނބުރި ރާއްޖެ އަންނަން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިިދިޔަ މާޗް މަސް ތެރޭގައި ވަނީ, ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެކަން ހާމަކޮށްފަ އެވެ. އޭރު ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އޮން-އެރައިވަލް ވިސާ ލިބޭނީ, ދެ ހަފުތާގެ މުއްދަތަށެވެ.
ނަމަވެސް އާއިލާއާއެކު އޮމާނަށް ދަތުރުކުރި މީހަކަށް އެ ގައުމަށް އެތެރެ ނުވެވި އަނބުރާ އަންނަން ޖެހުނު މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އޮމާނަށް ދަތުރުކުރި މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އޭނާ އާއިލާއާއެކު އޮމާނަށް ދިއުމުން, އެ ގައުމަށް އެތެރެ ނުވެވި, އެއާޕޯޓުގައި 12 ގަޑިއިރު ހިފަހައްޓާފައިވާ ބެހެއްޓި ކަމަށެވެ.
އަދި އޭނާ ދަތުރު ކުރީ އޮމާނުގެ ހޮޓަލަކަށް ކުރިއާލާ ނަން-ރިފަންޑަބަލް ބުކިން ހައްދައިގެން ކަމަށާއި, އޮމާނަށް އެތެރެ ނުވެވުމުން ފަހު ވަގުތު އަގުބޮޑުކޮށް ޓިކެޓު ނަގައިގެން އަނބުރާ ރާއްޖެ އަންނަން ޖެހުނު ކަމަށް ވެސް ލިޔެފައި ވެ އެވެ. އޭނާ ބުނި ގޮތުގައި މިކަމުގައި އެހީއަށް އެދި ސައުދީ ޔޫކޭ އަދި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅުމުން ވެސް އެއްވެސް އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށެވެ.
މި ކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅުމުން އަދި މެސެޖު ކުރުމުން ޖަވާބު ނުދޭތީ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އޮމާނަށް އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް ބުނެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކުރި ހަބަރު ވެސް މިހާރު ޑިލިޓްކޮށްލާފައިވާކަން ފާހަގަކޮށްލެވެ އެވެ.











