ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރާނެކަން ހާމަކޮށްފި އެވެ.
ޕީޕީއެމްގެ ތަރުޖަމާނު މުހައްމަދު ތޮލާލް މިއަދު 'އަދަދު' އަށް ވިދާޅުވީ, ޕީޕީއެމާއި ޕީއެންސީި ދެ ޕާޓީ ގުޅިގެން މަޖިލިސް އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލުތައް އެ ދެ ޕާޓީން އަދި ނުނިންމާ ކަމަށް ތޮލާލް ވިދާޅުވި އެވެ.
2024 އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރަން ނިންމާފައިވާއިރު, އެ ކޯލިޝަނުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ. މިހާރު ކުރިއަށް ދަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތުމުގެ ޓްރާންސިޝަން މަރުހަލާ އެވެ.
އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީން ވަނީ 65 ގޮނޑިއާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ, މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމާފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާގެ ބަދަލުގައި 93 ދާއިރާ އޮންނާނެ އެވެ. އަލަށް އިތުރުވި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ މެދު އަދި ހުޅުމާލެ އުތުރު ދާއިރާގެ އިތުރުން ހިތާދޫ ދާއިރާ, ހުރާ ދާއިރާ, ކޮލަމާފުށި ދާއިރާ އަދި ފޭދޫ އުތުރު ދާއިރާ އެވެ.













