ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ލިޔެކިއުންތަކަށް ބަދަލު ގެންނަ ކަމުގެ މައުލޫމާތު ލިބޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ބުނި ނަމަވެސް އެގޮތަށް އެކަން ނުހިނގާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ލިޔެކިއުންތަކަށް ބަދަލު ގެންނަ ކަމުގެ މައުލޫމާތު ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ. އެގޮތަށް ކަންތައް ނުކުރަން އިދާރާތަކަށް އިލްތިމާސްކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާ ވަޒީފާތައް އުފެއްދުމާއި ވަޒީފާއަަށް މީހުން ނެގުން ފަދަ ކަންތައްތައް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބޭ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެމުންދޭ ދައުލަތުގެ ހިސާބުކިތާބަށް، ކުންފުނިތަކާއި މުއައްސަސާތަކުގެ ހިސާބުކިތާބަށް ބަައެއް ބަދަލު ގެނެސް، ކުރީގެ ތާރީހުތަކުގައި ރަސީދުތައް އުފެއްދުމާއި މިފަދަ ކަންތައްތައް ހިނގަމުންދާ ކަމަށް،" ފިރުޒުލް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "އަދަދު"އަށް މިއަދު ވިދާޅުވީ ފިރުޒުލް އެ ވިދާޅުވި ފަދަ ކަމެއް ނުހިނގާ ކަމަށާއި ސަރުކާރުން އަމަލުކުރަމުން އަންނަނީ ގާނޫނާ ގަވައިދާ އެއްގޮތަށް ކަމަށެވެ.
"ސަރުކާރުން އަމަލުކުރަމުން އަންނަނީ ގާނޫނާ ގަވައިދާ އެއްގޮތަށް. ތުހުމަތުކު އެ ކުރައްްވާ ބާވަތުގެ ކަމެއް ނުހިނގާ،" މިއުވާން ވިދާޅުވި އެވެ.

ޓްރާންސިޝަން އަށް ސަރުކާރުން އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.













