ސްޓެލްކޯ އިމާރާތުގެ ފަސް ވަނަ ފަންގިފިލާގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީސް ގާއިމްކޮޮށްފި އެވެ.
މިއީ ރިޔާސީ އިންތިހާބަށް ފަހު ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި، އިންތިހާބީ ރައީސްގެ ޒިންމާތައް އަދާކުރުމަށްޓަކައި، ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގާއިމްކުރަން ޖެހޭ އޮފީހެކެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ހާއްސަ ކޮމެޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކުލަވާލައްވައިފަ އެވެ. ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމާ އެކު އެ ކޮމެޓީގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ.
އިންތިގާލީ މަރުހަލާގެ ކަންކަން ރައީސް އޮފީހުގެ ފަރާތުން ވިލަރެސްކުރައްވަނީ އެ އޮފީހުގެ ކޯޕަރޭޓް ސެކްރެޓަރީ ހުސައިން އާމިރު އެވެ. އިންތިހާބީ ރައީސްގެ ފަރާތުން އެކަންކަން ވިލަރެސް ކުރައްވާނީ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން ކަމަށް އައްޔަންކުރައްވާފައިވާ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ވެރިކަން ބަދަލުވުމުގެ ކަންތައްތައް ކުރިއަށްގެންދާ މި ދަނޑިވަޅުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރަންވީ ގޮތްތައް ބަޔާންކޮށް ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ މިމަހުގެ ފަހެއްގައި ސާކިއުލާއެއް އާންމުކޮށްފަ އެވެ.

އެ ބޯޑުން ކުންފުނިތަކަށް އެންގި އެންގުންތައް
- ކުންފުނިތަކުން އާންމުކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ފިޔަވައި މުޅިން އަލަށް އެއްވެސް މަޝްރޫއެއް ނުވަތަ ކުންފުނިން ބޮޑު ހަރަދެއް ކުރަން ޖެހޭ އާ އެއްވެސް ކަމެއް ނުކުރުން
- ކުންފުނީގެ އާމްދަނީއަށް އަސަރު ކުރާނެ ގަވާއިދުތަކާއި އުސޫލުތަކާއި ނިންމުންތަކަށް އެއްވެސް ބަދަލެއް ނުގެނައުން
- ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތައް އަދި މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނުގެނައުން
- ކުންފުނީގެ މުވައްޒަފުންނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް އެއްވެސް ބަދަލެއް ނުގެނައުން
- ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުން
- މީގެ އިތުރުން އިންތިހާބީ ރައީސް މުއިއްޒުގެ ފަރާތުން އިންތިގާލީ މަރުހަލާގައި މަސައްކަތް ކުރަމުން ގެންދާ އިންތިގާލީ ކޮމެޓީއަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށާއި އެ ކޮމެޓީއަށް ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ވެސް ޕީސީބީއިން ވަނީ އެދިފަ އެވެ.













