މި ނިމޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދައުލަތަށް އާ މުވައްޒަފުން ނުވެއްދުމަށާއި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބުދަ ދުވަހު އެދިވަޑައިގަނެފި އެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު، ރައީސް ސޯލިހަށް ބުދަ ދުވަހު ފޮނުއްވި ސިޓީގައި، މި ނިމޭ ސަރުކާރުން ހަތް ކަމެއް ނުކުރުމަށް ވަނީ އެދިވަޑައިގަނެފަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ އެއްވެސް އިދާރާއަކަށް އަލަށް މީހަކު ނުވެއްދުމެވެ.
"މަނިކުފާނުގެ އޮފީހުގައި އަޅުގަނޑާ ބައްދަލު ކުރައްވާ އާ ސަރުކާރާއި ބާރުތައް ހަވާލު ކުރެއްވުމުގެ ކަންކަން އޮމާންކަމާއެކު ގެންދެވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް ޔަގީންކަން ދެއްވިކަމީ އަޅުގަނޑު ނުހަނު ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއް،" އެ ސިޓީގައި މުއިއްޒު ވިދާޅުވެފައިވެ އެވެ.
މި ނިމޭ ސަރުކާރުން އިތުރަށް ނުކުރުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭގައި އާ ޕްރޮޖެކްޓުތައް ނުފެށުމާއި ދައުލަތުގެ މިލްކުވެރިކަމުގެ ދަށުގައި އޮތް މުދަލެއްގެ މިލްކުވެރިކަން ބަދަލުނުކުރުން ވެސް ހިމެނެ އެވެ.
އިންތިހާބީ ރައީސް އެދިވަޑައިގެންނެވި ކަންކަން
ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމަންޓެއް ނުކުރުން

- ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް، ވިއްކުމުގެ އާ ހުއްދައެއް ނުދިނުން
- ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން
- ބައިނަލްއަގްވަމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއި ނުކުރުން
- ޕީއެސްއައިޕީ އަދި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން
- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުން
- ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަގާމުގެ ކުރިއެރުން ނުދިނުން
ރައީސް ސޯލިހުގެ ސަރުކާރުން ބައެއް ކަންކަން ނުކުރުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންނެވިއިރު، އާ ޕްރޮޖެކްޓުތައް ނުފަށަން ޕްރައިވެޓައިޒޭޝަން ބޯޑުން ވެސް ވަނީ ސަރުކާރުގެ ކުންފުނިތަކަށް އަންގައިފަ އެވެ.
މި ސެޕްޓެމްބަރު 30، ގައި އޮތް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު މުއިއްޒު ކާމިޔާބު ކުރެއްވީ ވޯޓުލީ އާބާދީގެ 54 ޕަސެންޓު ހޯއްދަވައިގެނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.











