އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގެ ބޭނުންވެދާނެ ބައެއް މައުލޫމާތުތައް އެއް ކުރަން ދައުލަތުގެ އިދާރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.
އޮފީސް އޮފް ދަ ޕްރެޒިޑެންޓް އިލެކްޓް ގާއިމް ކުރެއްވުމަށްފަހު ރައީސް ސޯލިހު މިއަދު ދައުލަތުގެ އިދާރާތަކަށް އަންގަވާފައި ވަނީ، ވެރިކަން ނަގުލުކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކުގެ ބައެއް މައުލޫމާތު ބޭނުންވެދާނީ އެކަމަށް ސަމާލުކަން ދިނުމަށެވެ.
"ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ނަގުލު ކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާ ބެހޭ މުހިންމު މައުލޫމާތު، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވެދާނެ ކަމަށް ޓަކައި މި ދެންނެވުމާ އެކުގައި މި ވާ ލިސްޓުގައިވާ މައުލޫމާތު، ސަރުކާރުގެ އިދާރާތަކުން ތައްޔާރު ކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
ޖުމްލަ 13 ކަމެއްގެ މައުލޫމާތު އެއް ކުރުމަށް ރައީސް ސޯލިހު ވަނީ އަންގަވައިފަ އެވެ. އޭގެ ތެރޭގައި އޮފީސްތަކަށް ރައީސް އައްޔަންކޮށްފައިވާ ސިޔާސީ ވަޒީފާތަކުގެ މައުލޫމާތާއި އޮފީސްތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ މައުލޫމާތު ހިމެނެ އެވެ.
އޭގެ އިތުރުން، މިހާރު ކުރަމުންދާ މަސައްކަތްތަކާއި މުހިންމުކޮށް، އަވަހަށް ކުރަންޖެހިފައިވާ މަސައްކަތްތަކާއި އެކި ދާއިރާތަކުން މަސައްކަތް ކުރުމަށް ހުރި ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމަށް މިވަގުތަށް ފެންނަން ހުރި ކަންކަމުގެ މައުލޫމާތު ވެސް އެއްކުރަން ރައީސް އެންގެވި އެވެ. އަދި ރައީސް އައްޔަނުކޮށްފައިވާ މަގާމުތަކުގައި ތިބޭ މީހުންގެ މަސައްކަތާއި މަސައްކަތް ކުރިއަށްގެންގޮސްފައިވާ މިންވަރު ލިޔުމަށް ތިރިކުރުމަށް ވެސް އެންގެވި އެވެ.

- މިނިސްޓްރީގެ އިދާރީ އޮނިގަނޑު ރޭވިފައިވާ ގޮތާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ އިދާރީ އޮނިގަނޑު ރޭވިފައިވާ ގޮތް
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް
- މިނިސްޓްރީގެ ދާއިރާގެ ބަޖެޓުގެ ތަފުސީލު
- މިނިސްޓްރީގެ ދާއިރާއާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް
- މިނިސްޓްރީންނާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުން ދޭ ހިދުމަތްތަކުގެ ލިސްޓު
- މިނިސްޓްރީންނާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތަކަށް ތައްޔާރުކޮށްގެން ބޭނުންކުރަމުންދާ މައިގަނޑު ސޮފްޓްވެއަރތަކުގެ ލިސްޓު
- މިނިސްޓްރީގެ ދާއިރާއާ ގުޅޭ ބައިނަލްއަގުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތައް
- މިނިސްޓްރީގެ ދާއިރާއިން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށް ދީފައިވާ ކޮމިޓްމަންޓްތައް
- މިނިސްޓްރީގެ ދާއިރާއިން ހިންގަމުންގެންދާ ބޮޑެތި މަސައްކަތްތަކާއި، އެ މަސައްކަތްތައް ފުރިހަމަކުރެވިފައިވާ މިންވަރާއި، ކުރިޔަށް ރޭވިފައިވާ ބޮޑެތި މަސައްކަތްތަކާއި، އެ މަސައްކަތްތައް ކުރުމަށް ހަމަޖައްސައިފައިވާ ގޮތް
- އަވަސް މުއްދަތެއްގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭ ކަމެއް އޮތް ނަމަ، އެ ކަމެއްގެ މައުލޫމާތު
- މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގައި ހުރި ސިޔާސީ މަގާމުތަކާއި އެ ނޫން މަގާމުތަކުގެ ލިސްޓު (ހުސްމަގާމުތައް އެނގޭނޭ ގޮތަށް) އާއި، ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ލިސްޓު
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުން ކުރަންޖެހޭ ކަންކަން ކުރުމުގައި ހުރި ގޮންޖެހުންތަކާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެކަމަށް ފެންނަ ކަންކަން (މީގެ ތެރޭގައި ގާނޫނީ ގޮތުންނާއި، މާލީގޮތުންނާއި، އިދާރީ ގޮތުން ހުރި ގޮންޖެހުންތައް ހިމަނަންވާނެ އެވެ)
- ދައުލަތުގެ ބަޖެޓުގެ ތަފުސީލު (މި މައުލޫމާތު ތައްޔާރުކުރާނީ، މިނިސްޓްރީ އޮފް ފިނޭންސްއިންނެވެ)
އިންތިހާބީ ރައީސްގެ އޮފީހަށް ބޭނުންވެދާނެ ބައެއް މައުލޫމާތުތައް އެއްކުރުމަށް ރައީސް އެންގެވިއިރު، މި ނިމޭ ސަރުކާރުން ބައެއް ކަންކަން ނުކުރުމަށް ޑރ. މުއިއްޒު ވަނީ އެދިވަޑައިގަނެފަ އެވެ. އޭގެ ތެރޭގައި އާ ޕްރޮޖެކްޓުތައް ނުފެށުމާއި ދައުލަތުގެ އެއްވެސް ވަޒީފާއަކަށް މީހުން ނުވެއްދުން ހިމެނެ އެވެ.












