ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުރިހަމަކުރުމަށް، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް، އެގައުމުން ރާއްޖެ ކަނޑައަޅާފައި ހުންނަ ސަފީރު ވާންގް ލިޖިންގް އަރިހުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގަތީ ޗައިނާގެ ސަފީރު މިއަދު އެމަނިކުފާނު އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.
މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި ހުންނަ އިންތިހާބީ ރައީސުލްޖުމްހޫރިޔާގެ އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މުއިއްޒުގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި އެ ބައްދަލުވުމުގައި މުއިއްޒު ވަނީ ކުރިއަށް އޮތް އެމަނިކުފާނުގެ ރިޔާސީ ދައުރުގައި، ޗައިނާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފަ އެވެ.
އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްގީއަށް ވެދެމުންގެންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުރިހަމަކުރެއްވުމުގައި، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް އެމަނަކުފާނު އެދިވަޑައިގެންނެވި ކަމަށް ބުންޏެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ޗައިނާގެ ސަފީރު، ރާއްޖެ-ޗައިނާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހާރިޖީ ގުޅުން އެންމެ ވަރުގަދައަށް ބޭއްވީ ޗައިނާއާ އެކު އެވެ. އެ ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނަވައިގެން ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށްގެންދިޔައީ ޗައިނާގެ އެހީތެރިކަމާ އެކު އެވެ.
ޗައިނާ ސަފީރުގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝެއިޚް ރަހްމާން ބިން އަބްދުލް ރަހްމާން ބިން ރަހްމާ އަލް ޝަމްސީ އާއެވެސް މުއިއްޒު ވަނީ މިއަދު ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެެވެ.












