ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ގަރާޖެއް ތެރެއަށް ވަދެ އެ ތަނުގެ މުދާތަކަކަށް ގެއްލުން ދިނުމުގެ ކުށުގައި، މީހަކު ގޭބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖުލައި 19، 2023 ގައި ހިނގި ހާދިސާއާ ގުޅިގެން ތިން ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި، ވައްކަން ކުރަން އުޅުމުގެ ދައުވާ، އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކުގެ ލިޔެކިޔުންތަކުގައި ބުނާ ގޮތުން، އެ ދުވަހު މެންދުރު އެ ތަނަށް ވަދެ އެ ތަނުގައި ހުރި ފަސް މީޓަރުގެ ދިގު ކޭބަލެއް ބުރިކޮށްލާފައިވެ އެވެ. އޭނާ އުޅުނީ އެ ތަނުން ވައްކަން ކުރަން ކަމަށް ޝަރީއަތުގައި ވަނީ އެއްބަސްވެފަ އެވެ.
ދައުވާތައް ރައްދުވާ މީހާ ބުނި ގޮތުގައި އޭނާ ތައުބާވެ މިހާރު ވެސް އުޅެނީ ޒިންމާދާރު ދިރިއުޅުމެއްގައި، ވަޒީފާގަ އެވެ. އެހެންވެ ޖަލަށް ލުމަށް އަދަބު ކަނޑައެޅުމުގެ ބަދަލުގައި ވީހާވެސް ލުއި އަދަބެއް ކަނޑައަޅައިދިނުމަށް އެދުނެވެ.
އަދަބު ލުއި ކުރުމަށް ދައުލަތުން ވެސް އިއުތިރާޒެއް ނުކުރެ އެވެ.

އެހެންވެ މައްސަލަ ބެއްލެވި ގާޒީ ވެސް ނިންމެވީ ގާނޫނުގައި ކަނޑައަޅާފައިވާ ޖަލު އަދަބުތައް، ގާނޫނުގައި ފަނޑިޔާރަށް ލިބިދޭ އިހުތިޔާރުގެ ތެރެއިން ގޭބަންދަށް ބަދަލުކޮށްދިނުމަށެވެ.
އެ ގޮތުގެ މަތިން ތަންފީޒުކުރަން ޖެހޭ ގާތްގަނޑަށް ފަސް މަސް ދުވަހުގެ ޖަލު އަދަބެއް ވަނީ އަށް މަހާއި ތިން ހަފުތާގެ މުއްދަތަށް ގޭބަންދުގައި ބެހެއްޓުމުގެ އަދަބަކަށް ބަދަލުކޮށްދީ ހުކުމްކޮށްފަ އެވެ.












