އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލު ނުވި ނަމަވެސް، އިންތިގާލީ މަރުހަލާގައި މި ސަރުކާރުގެ އިސްވެރިން ފުރުން މަނާކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
ޖަމީލު މިފަދައިން ވިދާޅުވީ އިންތިގާލީ މަަރުހަލާގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަންކަން ކަމަށް ވިދާޅުވެ ކުރި ޓުވީޓެއްގަ އެވެ. އެގޮތުން ޖަމީލު ފުރަތަމަ ކަމެއްގެ ގޮތުން ފާހަގަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 'ވައްކަމާއި ކޮރަޕްޝަން' އާ ގުޅޭ ލިޔުންތަކަށް ބަދަލު ގެނައުން ނުވަތަ ނައްތާލުމުގެ ފުރުސަތު ނުދިނުން ކަމަށެވެ.
ދެވަނައަށް ވިދާޅުވެފައިވަނީ ބޭރު ސިފައިންނާ ގުޅޭ އެއްބަސްވުންތަކާ ކަނޑު ވިއްކުމާ ގުޅޭ ލިއުންތައް ބެލެހެއްޓުން ކަމަށެވެ.
"މިދެކަމުގައި ޒިންމާ އުފުލަންޖެހޭ ކުންފުނިތަކުގެ ވެރިން، ސްޓެލްކޯ ޝަރީފު، ފެނަކަ ސައީދު، މޫކޭ، އެމްޓީސީސީ އާދަމް، އަދި ފައިނޭންސް އަމީރު، ރިފްއަތު، މާރިޔާ ފަދަ މީހުން ފުރުން މަނާކުރުން" ޖަމީލު އިތުރަށް ލިޔުއްވާފައި ވެ އެވެ.
ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގެ ނައިބު ރައީސްކަންވެސް ކުރެއްވި ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ޕީއެންސީއިން ވެރިކަމާ ހަވާލުވުމަށް އުފައްދާ ކޮމިޓީގެ އިސްވެރިޔާގެ މަގާމަށް އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އައްޔަންކޮށްފަ އެވެ.

އަދި، މި މަހުގެ އަށެއްގައި އީސީއިން ދާއިމީ ނަތީޖާ އިއުލާނުކުރުމާއެކު ޓްރާންސިޝަނަލް މަސައްކަތްތައް ފެށިގެންދާނެ އެވެ.
ރިޔާސީ ކެމްޕޭނުގައި އިންތިހާބީ ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ބަދަލު ހިފުމުގެ ސަގާފަތު ނައްތާލާނެކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އިންތިހާބުން ލިބުނު ކާމިޔާބާއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި ހިމެނޭ އެކި ފަރާތްތަކުން އަންނަނީ މި ސަރުކާރުގެ އެކި ފަރާތްތައް ޖަލަށްލުމަށާއި ފުރުން މަނާކުރުމަށް ގޮވާލަމުންނެވެ.













