ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ސަރުކާރުން އެއްވެސް ކަމެއް ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ ގޮވާލައިފި އެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބު ނިމި ވެރިކަން ހިންގުމާ އާ ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ މިދަނޑިވަޅުގައި ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާކަމުގެ ގިނަ ޝަކުވާތަކެއް އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.
އެހެންވެ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކާއި މުއައްސަސާތަކާއި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކި ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އޭސީސީން ވަނީ ގޮވާލާފަ އެވެ. އެގޮތުން:
- މުޅިން އާ ޕްރޮޖެކްޓުތައް ނުފެށުން
- ހަރަދު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތްތަކަށް އަމަލު ނުކުރުން އަދި ކުރަންޖެހޭ ހަރަދުތައް ފިޔަވައި އަލަށް ކަންކަން ނިންމައިގެން ހަރަދު ނުކުރުން
- ކުރިން ބަޖެޓު ކޮށްފައި ނުވާ ނުވަތަ ކުރިން ޕްލޭން ކޮށްފައި ނުވާ އާ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއި ނުކުރުން
- ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަންގެ އަމަލަކަށް މަގުފަހިވާ ގޮތަކަށް ކަމެެއް މެދުވެރިވެދާނެ އިހުތިމާލު އޮތް ނަމަ އެފަދަ ނިންމުންތައް ނުނިންމުން
- ލިޔެކިޔުންތައް ރައްކާތެރިކަމާ އެކު ބެލެހެއްޓުމާ އެކު، ފައިސާއާއި ވިޔަފާރިއާއި މުއާމަލާތްތަކާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނައްތައި ނުލުން
- މި ހުރިހާ ކަމަކަށް އޮފީސްތަކާއި އިދާރާތަކާއި ކުންފުނިތައް އަދި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ސަމާލުކަން ދެއްވުން
އޭގެ އިތުރުން، މި ދަނޑިވަޅުގައި މިފަދަ އެއްވެސް އަމަލެއް ހިނގާ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެ މައުލޫމާތު އޭސީސީއާ ހިއްސާކޮށްދިނުމަށް ވެސް އެ ކޮމިޝަނިން ވަނީ އެދިފަ އެވެ.
އޭސީސީން ބުނީ އެފަދަ ކަންކަމަށް ފާރަވެރިވެ، ތަހުގީގު ކުރަންޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އެޅުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާ ކަމަށާއި އެފަދަ އަމަލުތައް ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.














