ޑިޕްލޮމެޓިކް ރިވެތި އުސޫލުގެ ތެރެއިން، އިންޑިއާއާއެކު މަޝްވަރާކޮށްގެން ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންގެ މީހުން ފޮނުވާލާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން މުއިއްޒު ހޯއްދެވި ތާރީހީ ކާމިޔާބީ ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ކުރިއަށްދާ އިވެންޓުގައި މުއިއްޒު ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން ރައްޔިތުން އިސްކުރީ ގައުމުގެ މަސްލަަހަތު ކަމަށެވެ.
އިންތިހާބުގެ ނަތީޖާއިން ދިވެހި ރައްޔިތުން ބައިނަލްއަގުވާމީ މުޖުތަމައަށް ދިން މެސެޖަކީ ގައުމުގެ އަމިއްލަވަންތަކަން ހިފެހެއްޓުމަށް ބޭރުގެ ސިފައިން ރާއްޖޭގައި ތިބެން ދިވެހިން ބޭނުންނުވާކަން ކަމަށެވެ.
"އަޅުގަނޑުމެންގެ އިހުސާސްތަކާ ދެކޮޅަށް، އަޅުގަނޑުމެންގެ ވިލްއާ ދެކޮޅަށް ބޭރުގެ ސިފައިންނަކަށް ނުތިބެވޭނެ، ރައްޔިތުން މި ވަނީ ތިބެން ބޭނުން ނުވާ ކަން ބުނެފައި،" މި ވަގުތު މާލޭގެ މޭޔަރަކަށް ވެސް ހުންނެވި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ބަވަނަ ވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކުން ދިވެހި ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށެވެ. ބޭރުގެ ސިފައިން ތިބެން ދިވެހީން ބޭނުންނުވާ ނަމަ، އެ ސިފައިން ވެސް ރާއްޖޭގައި ގާއިމުވެ ތިބެން ބޭނުން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ބޭރުގެ ސިފައިން ފޮނުވާލާނަން، އެ އޮންނަ ހަމަތަކުގެ ތެރެއިން، ޑިޕްލޮމެޓިކް ރިވެތި އުސޫލުން، ވާހަކަ ދައްކައިގެން، އެ ކަން ހާސިލު ވާނެ، ރައްޔިތުން ބޭނުން ނުވާ ނަމަ އެ ސިފައިން ވެސް ބޭނުމެއް ނުވާނެ ކޮންމެހެން ތިބޭކަށް،" މުއިއްޒު ވިދާޅުވި އެވެ.
ވެރިކަމުގެ ބާރުތައް އިންތިހާބީ ރައީސަށް ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ފަށާފައިވާއިރު، މި މުއްދަތުގައި ވެސް ބޭރުގެ ގައުމުތަކުގެ ސަފީރުންގެ ފަރާތުން ބައްދަލު ކުރެއްވުމަށް ދައުވަތު ލިބެމުންދާ ކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ.
އިންޑިއާގެ ނަން ވިދާޅުނުވެ، ގާތް އަވަށްޓެރި ގައުމުތަކުން ލިބުނު ދައުވަތާއެކު ސަފީރާ ބައްދަލު ކުރެއްވުމަށް ފަހު އެ ކަން ދަންނަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު އިސްކުރާނީ ދިވެހި ގައުމުގެ މަސްލަހަތު އިސްކުރާނެ ސިޔާސަތު، އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު، އެއީ ސަފީރަށް ވެސް އަޅުގަނޑު ދަންނަވާނެ ވާހަކައެއް،" މުއިއްޒު ވިދާޅުވި އެވެ.
ބޭރުގެ ސިފައިންގެ އިތުރުން ދިވެހި ދައުލަތުގެ ދަރަނީގެ ބޮޑު ނިސްބަތެއް ވެސް އޮތީ އިންޑިއާއަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ ދަރަނިތައް މުރާޖައާ ކުރުމަށް ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ވެރިކަންކުރާ އެމްޑީޕީ ނޮވެމްބަރު 17، ގެ ފަހުން އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮންނަ އިރު، މުއިއްޒު ވަނީ ޒިންމާދާރު ވާދަވެރި ޕާޓީއެއްގެ ގޮތުގައި އެ ޕާޓީއަށް ވެސް ގޮވާލާފަ އެވެ. ޒިންމާދާރު ވާދަވެރިން ސަރުކާރަށް ފާޑުކީ ނަމަވެސް ގައުމީ ކަންކަމުގައި އެކުގައި ތިބޭނެ ކަމަށް ވިދާޅުވި އެވެ.
"ޑިމޮކްރެސީގެ ރިވެތި ހަމަތަކުގެ މަތިން، ރެންސްޕޮންސިބަލް އޮޕޮޒިޝަނެއްގެ ގޮތުގައި މަސައްކަތް ކޮށްދޭން، ރެންސްޕޮސިބަލް އޮޕޮޒިޝަންއަކުން ވެސް ގައުމީ ކަންކަމުގައި އެއް ގަލަކަށް އެރޭނެ، އަރަންވާނެ،" މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދިޔައިރު، ސަރުކާރުން ބުނާ ގޮތުގައި ރާއްޖޭގައި ތިބީ އިންޑިއާގެ އަސްކަރިއްޔާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއޯ މަތިންދާ ބޯޓު އޮޕެރޭޓުކޮށް، ބަލި މީހުން އުފުލުމަށް ބޭނުންވާ އިންސާނީ ހިދުމަތްތެރީންތަކެއް ކަމަށެވެ.
އެއިން އެއް ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އަނެއް ހެލިކޮޕްޓަރު ގެނައީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. ނަމަވެސް ސިފައިން ތިބުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ހެލިކޮޕްޓަރާއެކު ދިޔުމަށް ޔާމީން އޭރު އެންގެވި އެވެ.
އިންޑިއާގެ އަސްކަރީ އެހީ ހޯދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ އިންޑިއާގެ ކަނޑުގެ ރައްކާތެރިކަމަށް އިންޑިއާ އާއި ލަންކާ ވެސް ބައިވެރިވެގެން މަސްތުވާތަކެއްޗާއި ޓެރަރިޒަމްގެ ހަރުކަށި އަމަލުތައް ހިންގުން ހުއްޓުމަށް ރާއްޖެ ސަރަހައްދުގައި ވެސް އަސްކަރީ ބާރުވެރިކަން އިތުރު ކުރުން ކަމަށް ސަރުކާރުން ބުނަމުން ގޮސްފައިވެ އެވެ.
ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ގާއިމު ކުރަން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އެއީ ދިވެހި ސަރުކާރުންނާއި އިންޑިއާ ސަރުކާރުން ވެސް ދޮގުކުރާ ކަމެކެވެ. އުތުރުތިލަފަޅުގައި ހަދާ މަރުކަޒުގެ އެއްބަސްވުމަށް މި ސަރުކާރުން ބަދަލުތަކެއް ގެނައި ކަމުގެ ތުހުމަތު ކުރެވޭއިރު، އެ އެއްބަސްވުން ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
އުތުރުތިލަފަޅުގެ މަޝްރޫއަކީ ވެސް ޔާމީނުގެ ވެރިކަމުގައި އިންޑިއާއާއެކު ސޮއިކުރި ޑިފެންސް ކޯޕަރޭޝަން އެގްރިމަންޓުގައި ވެސް އޮތް މަޝްރޫއެކެވެ. މި ސަރުކާރުން ބުނާ ގޮތުގައި އެ މަޝްރޫއުގެ ސްކޯޕް ކުޑަކުރީ ވެސް މި ސަރުކާރުންނެވެ.













