ރައީސްކަމުގެ ހުވާކުރައްވާ ދުވަސް މިފަހަރު ހުކުރު ދުވަހަކާ ދިމާވިޔަސް މަޖިލީހުގެ ޖަލްސާ އެދުވަހު ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ނޫސްތަކަށް ފޮނުއްވި ކުރު ބަޔާނެއްގައި ބުނީ ގާނޫނު އަސާސީގެ 114 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިހާބުވާ ބޭފުޅުން ހުވާ ކުރެއްވުމަށް އޮންނަނީ ރައްޔިތުންގެ މަޖިލީހުގައި ކަމުން އެ ދުވަސް ހުކުރު ދުވަހަކާ ދިމާވިޔަސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެ އިދާރާއިން އެހެން ބުނެފައިވާއިރު، ސަރުކާރުން އަންނަނީ ރާއްޖޭގެ ޖުމްހޫރީ ދުވަހު ޑރ. މުއިއްޒުއަށް ވެރިކަމުގެ ހުވާ ކުރެވޭނެ ގޮތަށް ބަދަލު ގެންނަން މަސައްކަތް ކުރަމުންނެވެ. "އަދަދު" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން އަންނަނީ އެކަން ކުރެވޭނެ ގޮތެއް ހޯދުމަށް ގާނޫނީ ލަފާ ހޯއްދަވަމުންނެވެ.
ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރައްވައި، ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2018 ގަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ދައުރު ހަމަވާނީ ނޮވެމްބަރު 17، ގަ އެވެ.
މީގެ 55 އަހަރު ކުރިން ނޮވެންބަރު 11، 1968 ވަނަ ދުވަހުގެ ރޭ 00:00 ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްއެއްގެ ގޮތުގައި ވެލާނާގޭ އިބްރާހިމް ނާސިރު ހުވާކުރެއްވި ހިސާބުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ރިޔާސީ ދައުރު ފެށޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ޖުމްހޫރީ ދުވަހެވެ.

ނަމަވެސް ރިޔާސީ ދައުރު ފެށޭ ދުވަސް ނޮވެމްބަރު 17 އަށް ބަދަލުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރެއް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން، އިންތިހާބު ބޭއްވި ތާރީހު ބަދަލުވުމުންނެވެ. އެ އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުނީ ނޮވެމްބަރު 11 ގަ އެވެ. ދެ ވަނަ ބުރު ބޭއްވީ ނޮވެމްބަރު 16، ގަ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ޔާމީން މަގާމުގެ ހުވާ ކުރެއްވީ ޖެހިގެން އައި ދުވަހެވެ.
ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ރައީސުން ވެސް ވެެރިކަމުގެ ހުވާ ކުރައްވާފައި ވަނީ އެއިރެއްގައި ގާނޫނު ހަދާ މަޖިލިސް ހިންގަމުންދިޔަ ގޭގަ އެވެ. އެގޮތުން ޖެނުއަރީ 1، 1953 ވަނަ ދުވަހު ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި މުހައްމަދު އަމީން ދީދީ ހުވާކުރެއްވީ އޭރުގެ ގާނޫނު ހަދާ މަޖިލިސް، ދާރުލްޢުލޫމްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެއަށްފަހު ނޮވެމްބަރު 11، 1968 ގައި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި އިބްރާމް ނާސިރު ހުވާކުރެއްވީ އޭރުގެ ރައްޔިތުންގެ މަޖިލިސް، ނާދީ ތަމައްދުންގައި އެރޭ ބޭއްވުނު ހާއްސަ އިހުތިފާލެއްގަ އެވެ. އޭގެ 10 އަހަރުފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި މައުމޫން އަބްދުލްގައްޔޫމް ވެސް ހުވާކުރެއްވީ ހަމަ ނާދީ ތަމައްދުންގަ އެވެ. ނަމަވެސް އެމަނިކުފާނުގެ ފުރަތަމަ ދައުރަށްފަހު މިއަދާ ހަމައަށް ވެސް ވެރިކަމުގެ ހުވާ ކުރައްވަމުން ގެންދަވަނީ މިހާރުގެ ރައްޔިތުންގެ މަޖިލިސް ހިންގަމުން ގެންދާ އިމާރާތުގަ އެވެ.













