އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވައިލައްވާ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު އުފައްދަވާ ސަރުކާރުގައި ދަ ޑިމޮކްރެޓްްސް ބައިވެރިވާނެ ކަަަމަށް ހަސަން ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ. "އަދަދު" އިން އެކަމާ ބެހޭ ގޮތުން ސުވާލުކުުރުމުން އޭނާ ވިދާޅުވީ "މިވަގުތު ތަފްސީލު ދެވެން ނެތް" ކަމަށެވެ.
އޭނާ މިހެން ވިދާޅުވި ނަމަވެސް އެކަމާ ބެހޭ ގޮތުން ޕީއެންސީގެ ބަހެއް އަދި ނުލިބެ އެވެ.
އެމްޑިޕީ ދެބައިވެގެން އުފެދުނު ދަ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނަ ހޯދި އެވެ. އެހެން ނަމަވެސް އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރި ދެޕާޓީގެ ތެރެއިން އެއްްވެސް ޕާޓީއަކާ ދަ ޑިމޮކްރެޓްސް އިން ރަސްމީކޮށް ކޯލިޝަނެއް ނުހަދަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުން ނިންމީ ވަކިކޮޅަކަށް ތާއީދު ނުކުރުމަށެވެ. އެހެން ނަމަވެސް އެޕާޓީގެ މެމްބަރުން އަމިއްލަ ގޮތުން ޑރ. މުއިއްޒަށް ތާއީދުކުރި އެވެ.

ދަ ޑިމޮކްރެޓްސް އަކީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބު ވެވަޑައިގެންނެވުމުން އުފެދުނު ހިޔާލުތަފާތުވުން ތަކަށް ފަހު އެމްޑީޕީން ވަކިވި މެމްބަރުން އުފެއްދި ޕާޓީ އެކެވެ.
ރިޔާސީ އިންތިހާބު، ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ 54 ޕަސެންޓު ވޯޓުންނެވެ. އިއްޔެ ބޭއްވި އިންތިހާބުގެ ދެ ވަނަ ބުރުގައި 243،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 282,804 މީހުންގެ ތެރެއިން 86 ޕަސެންޓެވެ.
މުއިއްޒަށް ލިބިވަޑައިގަތީ 127,000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސް ސޯލިހަށް 108,000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގައި ގެންފައިވެ އެވެ.














