ރައީސް އަބްދުﷲ ޔާމީން ގެއަށް ދޫކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މިވަގުތު ގައުމުގެ މަސްލަހަތަށް ބައްލަވާފައި ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި ކައިރިއަށް ވަޑައިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެ ބައްދުކުރެއްވުމުގައި ރައީސް ވިދާޅުވީ ޔާމީން މިނިވަން ކުރަން ނިންމެވީ މިވަގުތު ގައުމުގެ މަސްލަހަތަށްޓަކާ ކަމަށެވެ.
"އަޅުގަނޑުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށްފަ މިއައީ ދެއްވި ފުރުސަތުގަ. މިކަން ފާހަގަކޮށް އަޅުގަނޑު ދެންނެވިން މިވާހަކަ. މި ގައުމުގެ ރައްޔިތުން ބަސް އިއްވީމާ އެކަމުގެ ހަމަ ގޮތް ނިންމެވީ ކަމަށް ގައުމުގެ މަސްލަހަތު އިސްކުރައްވާފައި،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިއީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށާއި، މިވަގުތަކީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށެވެ.
"ސަރުކާރުން ރައީސް ޔާމީން ގެއަށް ދޫކޮށްލަށް ނިންމި ނިންމުމަކީ އަޅުގަނޑު ވަރަށް ބަލައިގަންނަ ވަރަށް އެކަމަށްޓަކާ ފަހުރުވެރިވާ ކަމެއް، ޝުކުރުވެރިވާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ގައުމުގައި މިވަގުތު ހުރި މައްސަލަތައް ހައްލުކުރުމަށް ރައީސް ޔާމީންގެ ލަފާ ބޭނުންތެރި ކަމަށެވެ.
މުޅިން މިނިވަން ނުވެ ޔާމީން ގޭގައި ހުންނެވުމަކީ ގާނޫނުގެ ތެރެއިން ވެސް ހަމަތަކެއް ކަނޑައެޅިފައިވާނެ ކަމެއްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، އެކަމަކު ވެސް އެމަނިކުފާނުގެ ލަފާ ހޯއްދަވާނެ ކަމަށެވެ.
ޔާމީނު ގެއަށް ބަދަލުކުރާކަން ޕީޕީއެމް/ޕީއެންސީން މިއަދު ހާމަކުރުމާ އެކު އެ ދެޕާޓީއަށް ތާއީދުކުރާ ގިނަ އަަދަދެއްގެ މީހުން ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔަން ދޫވެހި ހުންނަ ސަރަހައްދަށް އެއްވެފަ އެވެ. އެ ސަރަހައްދުން ފަށައިގެން އަލިމަސް ކާނިވަލާ ހަމައަށް މީހުން އެއްވެ ތިއްބެވެ.












