ހޮނިހިރު ދުވަހު ދިވެހިރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
"އަދަދު"އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުޑަ ވަގުތުކޮޅެއް ފަހުން 3:00 ޖަހާއިރެވެ. އެ ބައްދަލުވުމުގެ މައުލޫމާތު ނުރަސްމީކޮށް ލިބުނު ނަމަވެސް ސަރުކާރުން އެކަމުގައި އަދި ބަހެއް ނުބުނެ އެވެ.
ބެލެވޭ ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާއާ ކުރިއަށްގެންދާނެ ގޮތަކާ ގުޅޭ ގޮތުންނެވެ. އަދި އިންތިހާބީ ރައީސް މުއިއްޒަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވެ، ޓްރާންޒިޝަނަލް މުއްދަތުގައި އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާނެ އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ ވޯޓުލީ އާބާދީގެ 54 ޕަސެންޓް ހޯއްދަވައިގެނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ. ސެޕްޓެމްބަރު 9، ގައި ބޭއްވި އެ އިންތިހާބުގެ ފުރަތަމަ ބުރު ވެސް ކާމިޔާބު ކުރެއްވީ މުއިއްޒެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މުއިއްޒު ވަނީ ރޭ ގައުމާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. ރޭ ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނާމެދު ވެސް އަމަލު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"ކޮންމެ ޕާޓީއެއްގައި ހުއްޓަސް އަޅުގަނޑުގެ ކުރިމަތީގައި އެއީ ދިވެހި ލޮބުވެތި ރައްޔިތެއް. އެއްވަރަކަށް ހައްގު ލިބިގެންވަނީ. އެއްވަރަކަށް ހުރިހާ ކަމެއްގައި ވެސް ހަމަހަމަކަން ލިބިގެންވޭ،" މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ރޭ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގެކޮޅަށް ބަދަލު ކުރުމަށް ގޮވާލައްވައިފަ އެވެ.
"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އަދަބުވެރިކަމާއި އިހްލާސްތެރިކަމާއެކު ދަންނަވާލަން، އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާށޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެއާއެކު، ސަރުކާރުން މިހާރު ވަނީ ޔާމީން ގޭ ބަންދަށް ބަދަލު ކުރުމަށް ނިންމައިފަ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިހާރު އެ މަސައްކަތް ކުރަމުންދާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.












