މިއީ އެއްބައިވަންތަ ވާންވީ ވަގުތު ކަމަށާއި، އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތާއި ފުރައްސާރަ ނުކުރުމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.
މިއަދު ބޭއްވި ރިޔާސީ އިންހާތިބުގެ ދެ ވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ކާމިޔާބީއާ އެކު ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ އެކުވެރިކަމާއި އަހުވަންތަކަމުގެ ސަފުތައް ބަދަލުކުރަންވީ ވަގުތު ކަމަށެވެ. އަދި އެއްވެސް ބަޔަކު އަނެއް ބަޔަކަށް މަލާމާތް ނުކުރުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފަ އެވެ.
"މި ވަގުތަކީ ގައުމު އެއްބައިވަންތަވާންވީ ވަގުތު. އެކުވެރިކަމާއި އަހުވަންތަކަމުގެ ސަފުތައް ބަދަހިކޮށް ގައުމާއެކު ކުރިއަށްދާންވީ ވަގުތު،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވިއިރު، ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މުއިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފަ އެވެ. އެފަހަރު އެމަނިކުފާނަށް 46 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ.
މިއަދު ބޭއްވި އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް މުއިއްޒު ކުރި ހޯއްދެވީ 127,342 ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108,441 ވޯޓެވެ.

މިހާތަނަށް ގިނަ ވޯޓު ފޮށި ގުނިފައިވާއިރު، ގުނާ ނުނިމި ވަނީ ޔޫކޭގައި ބެހެއްޓި ވޯޓު ފޮށި އެކަންޏެވެ.













