މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ވެސް ކާމިޔާބު ކުރައްވައި، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ތާރީހީ ބޮޑު މޮޅެއް މިއަދު ހޯއްދަވައިފި އެވެ.
އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ބެހެއްޓި ހުރިހާ ފޮށިތަކެއް ގުނައި ނުނިމުނު ނަމަވެސް މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރައްވާނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުކަން ވަނީ ކަށަވަރުވެފަ އެވެ.
މިއަދުގެ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވިއިރު، ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މުއިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފަ އެވެ. އެފަހަރު އެމަނިކުފާނަށް 46 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ.
މިހާތަނަށް 450 ފޮށީގެ ނަތީޖާ "އަދަދު" ނޫހުން ގެނެސްދީފައިވާއިރު ޑރ. މުއިއްޒު ވަނީ 89,926 ވޯޓާއެކު 54 ޕަސެންޓު ކަށަވަރުކުރައްވާފަ އެވެ. ބާކީ ނުގުނި 136 ފޮށި ހުރިއިރު މި ފޮށިތަކުން އިންތިހާބުގެ ނަތީޖާއަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވެ އެވެ.
ޑރ. މުއިއްޒުއަކީ ކޮން ބޭފުޅެއް
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ 2005 ވަނަ އަހަރު އަދާލަތު ޕާޓީންނެވެ. އެ ޕާޓީގައި އުޅުއްވަނިކޮށް، ފެބްރުއަރީ 7, 2012 ގައި އޭރު އޮތް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ އުފެދުނު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަގާމު އެމަނިކުފާނު އަދާކުރެއްވެވި އެވެ.

އުމުރުފުޅުން 45 އަހަރުގެ މުއިއްޒު އުފަންވެވަޑައިގަތީ ޖޫން 15، 1978 ގަ އެވެ. މުއިއްޒު އާއި މއ. ބާބުލްއަވާލީ ސާޖިދާ މުހައްމަދުއާ ކައިވެނި ބައްލަވައިގެން ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.
ހއ. ވަށަފަރަށް ނިސްބަތްވެ ވަޑައިގަންނަވާ މުއިއްޒު މާލޭން ތައުލީމު ހާސިލު ކުރެއްވުމަށް ފަހު، ސްޓްރަކްޗާ އިންޖިނިއަރިން ދާއިރާއިން ޑިގްރީ، ސިވިލް އިންޖިނިއަރިން ދާއިރާއިން މާސްޓާޒް އަދި ސިވިލް އިންޖިނިއަރިން ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވި އެވެ. ޕީއެޗްޑީ ހާސިލް ކުރެއްވީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ލީޑްސް އިންނެވެ.
ދެހާސް އަށާރައިގައި އުފެދުނު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރުކަން އަދާކުރެއްވީ އެމްޑީއޭގެ މެމްބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ވެރިކަމުގެ ދައުރު ނިމުގެ ކުރިން އެމްޑީއޭއިން ވަކިވެ ޕީޕީއެމްއާ ގުޅިވަޑައިގަތެވެ.
ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ހިންގެވި މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭ ބްރިޖު، ރަސްފަންނު، ސަލްޓަން ޕާކް އަދި މާލޭގެ އެހެން ޕާކުތައް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތްކަމުގައިވާ "ކިންގް ސަލްމާން މިސްކިތް" ހިމެނެ އެވެ.
މުއިއްޒުގެ ސިޔާސީ ހަޔާތަށް ބަލާއިރު، ޕީޕީއެމްގެ ނައިބު ރައީސްކަން ކުރެއްވެވި އެވެ. އެ ޕާޓީން އޭނާ ވަކިވެވަޑައިގަތީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ކަނޑައަޅައިފި ހާލަތެއްގައި، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓެއް ނެރުމަށް ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުއާ ވާދަ ކުރައްވައި އެ ޕްރައިމަރީ މުއިއްޒު ކާމިޔާބު ކުރެއްވި އެވެ.
ސިޔާސީ ހަޔާތްޕުޅުގައި މުއިއްޒަށް ގޮންޖެހުންތައް ގިނަ އެވެ. މޭޔަރު ކަމަށް ހޮވިވަޑައިގަތުމަށް ފަހު، ޕާޓީގެ ބައެއް ފަރާތްތަކުގެ އުނދަގޫ މުއިއްޒު ތަހައްމަލު ކުރެއްވެވި އެވެ. ފަހަކަށް އައިސް ކައުންސިލްގެ ޖަލްސާތައް ހުއްޓުވަން މަސައްކަތް ކުރެއްވެވި އެވެ. މޭޔަރަށް ހުރި ބާރުތައް ހަނިކުރަން މަސައްކަތް ކުރެއްވެވި އެވެ. އަދި ވެރިކަމަށް ޝައުގުވެރިކަން ހުރި ކަމަށް ކުރެވެމުން ދިޔަ ޝައްކާއެކު، އާންމުންގެ ކުރިމަތީގައި މުއިއްޒު އެކަން ދޮގު ކުރެއްވުމަށް މަޖިބޫރުވި އެވެ.
ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލި ނަމަވެސް ސާބިތު ނުވެ ސަލާމަތްވި އެވެ. މި ހުރިހާ ކަމެއް ތަޖުރިބާ ކުރެއްވުމަށް ފަހު ޕީއެންސީގެ ޓިކެޓުގައި މުއިއްޒު ނުކުމެވަޑައިގެން އެ ހުންނެވީ ރިޔާސީ އިންތިހާބަށެވެ.













