ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ބަހާއި އަމަލު ދިމާވާނެ ކަމަށާއި، ކެމްޕޭނުގައި ވީވައުދުތައް ފުއްދާނެ ކަމަށް ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީއެންސީ/ޕީޕީއެމް އިން ކެމްޕޭން ނިންމާލުމުގެ ގޮތުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރު ހިންގެވުމުގައި އޭނާގެ ބަހާއި އަމަލު ދިމާވާނެ ކަމަށާއި، ކެމްޕޭނުގައި ވީ ވައުދުތައް ފުއްދަވާނެ ކަމަށެވެ.
"އާދެ އަޅުގަނޑު ޔަގީންކަން ދެން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަހާއި އަމަލާ ދިމާވާނެ ކަން. އަޅުގަނޑު މި ޕޯޑިއަމްގައި މިއަދާ ހަމައަށް އައިސް މި ދެއްކި ކޮންމެ ވާހަކައެއް ދައްކާފައިވާނީ ހަގީގަތާ އެއްގޮތަށް." މުއިއްޒު ވިދާޅުވި އެވެ.
ދައްކާ ކޮންމެ ވާހަކައަކީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކީ ދައްކާ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދައްކާ ކޮންމެ ވާހަކައަކަށް އަޅުގަނޑު ޒިންމާވަން. އެހެންވީމާ މި ދަންނަވަނީ އަޅުގަނޑު މިއަދާހަމައަށް ދެއްކި ކޮންމެ ވާހަކައަކީ، ކޮންމެ ވައުދެއް، އެއީ ތިބޭފުޅުންނަށް އެއީ ތިބޭފުޅުން އެދިލައްވާ ގޮތަށް، އަޅުގަނޑު ދެންނެވި ގޮތަށް ފުއްދައިދޭނެ ކަންތައްތަކެއް ކަމުގެ ޔަގީންކަން ދެން" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އިންސާފު ގާއިމްވާނީ، ސިޔާސީ ނުފޫޒުން ޖުޑިޝަރީ އެއްކިބާކުރެވޭ ހިސާބުންނެވެ.
ވެރިކަން ލިބިއްޖެ ނަމަ އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އިސްލާހުކޮށް، ދިވެހިންނަކީ ފުރިހަމަ މިނިވަން ބަޔަކަށް ހެދުމަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކެބިނެޓާއި، އިސް މަގާމުތަކުގައި ތިބޭ މީހުންނަކީ އެކަމަށް ގާބިލް ބަޔަކަށް ވާނެ ކަމަށާއި، ރެޔާއި ދުވާލު އޭނާގެ ސަރުކާރެއް އޮންނާނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށް ވެސް ވިދާޅުވި އެވެ.
އެދިވަޑައިގެންނެވީ ކޮންމެ ޕާޓީއެއްގައި އޮތަސް، ރަނގަޅަށް ވިސްނައި އޭނާއަށް ވޯޓު ދިނުމަށެވެ.












